ހަ ރަށެއްގެ ޖެޓީ ހަދަން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮައިކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒާއި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
މި ހަ ރަށުގެ ޖެޓީ ހަދަން 14.3 މިލިއަން ދިވެހި ރުފިޔާ ހޭދަކުރާނެ އެވެ. މި މަޝްރޫއުގައި ޖެޓީ ހަދާ ރަށްތަކަކީ ބ. ފެހެންދޫ އާއި އެ އަތޮޅު ފުޅަދޫ އާއި ރ. ރަސްގެތީމާއި ވ. ފުލިދޫ އާއި އެ އަތޮޅު ރަކީދޫ އަދި މ. ރަތްމަންދޫ އެވެ. މި ރަށްރަށުގެ ޖެޓީތައް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާނެ އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މި ޕްރޮޖެކްޓްގައި ހިމެނެނީ އާބާދީ މަދު އަދި ލަފާ ފުރުމާއި އަރާ ފޭބުމަށް އާދައިގެ ގޮތަކަށް ހުރި ރަށްރަށް ކަމަށެވެ. އަދި ވިދާޅުވީ މި ހަ ރަށުގެ ތެރޭގައި ނުހިމެނޭ އދ. މަންދޫގެ މަސައްކަތް ވަރަށް އަވަހާ ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ. މަންދޫގެ މަސައްކަތް ހަވާލު ކުރަނީ ކޮން ބަޔަކާ ކަމެއް ވިދާޅެއް ނުވެ އެވެ.