ދުނިޔެ

ގުޖުރާތުގައި މުސްލިމުންނާ ހިންދޫންގެ ދެމެދު ހަމަނުޖެހުން ހިނގައި އެކަކު މަރުވެއްޖެ

Mar 26, 2017
1

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ އެ ސްޓޭޓަކަށް ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތު ސްޓޭޓްގައި މުސްލިމުންނާ ހިންދޫންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

އިންޑިއާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ދެ ދީނުގެ މީހުންގެ މެދުގައި ހަމަނުޖެހުން ފެށުނީ މުސްލިމް ދަރިވަރުންތަކަކާ ހިންދޫ ދަރިވަރުންތަކަކާ ދެމެދު އުފެދުނު ޒުވާބަކާ ހެދި ކަމަށެވެ.

ގުޖުރާތުގެ ޕަޓާން ޑިސްޓްރިކްޓްގައިވާ ވަޑަވާލީ ނަމަކަށް ކިޔާ އަވަށުގައި މިދިއަ ހޮނިހިރު ދުވަހު ހިނގި އެ ހަމަނުޖެހުމުގައި ހިންދޫންގެ ގާތްގަނޑަކަށް 5000 މީހުން މަގުތަކަށް ނުކުމެ، މުސްލިމުންގެ ވެހިކަލްތަކާއި ބައެއް ގެތަަކުގައި ހުޅުޖެހި އެވެ. ރައްދުގައި މުސްލިމުން ވަނީ ހިންދޫންނާ ދިމާލަށް ގާ އުކާފަ އެވެ. ހަމަނުޖެހުން ހުއްޓުވުމަށް އިންޑިއާ ފުލުހުން ކަރުނަ ގޭހާއި ލައިވް ވަޒަން ބޭނުން ކުރި އެވެ. އެ އަވަށުގައި އަމަން ގާއިމް ކުރުމަށް އިންޑިއާގެ ރިޒާވް ފުލުހުންގެ ތިން ފައުޖެއް މިހާރު ވެސް ވަނީ ބައިތިއްްބާފައެވެ.

ގުޖުރާތުގައި މުސްލިމުންނާ ހިންދޫންނާ ދެމެދު ގިނަ ގިނައިން ހަމަނުޖެހުންތައް ހިނގައެވެ. އެފަދަ އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވި އިރު 2002 ވަނަ އަހަރު އެވެ. އެފަހަރުގެ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1000 މީހުން މަރުވި އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ. އެ ހަމަނުޖެހުންތައް ހުއްޓުވަން މޯދީގެ ސަރަހައްދީ ސަރުކާރުން މަސައްކަތް ނުކުރި ކަމުގެ އިލްޒާމް އޭނާގެ އިސްތަށިފުޅުގައި ވަނީ އެޅިފަ އެވެ. އެކަމުގައި މޯދީއާ ދެކޮޅަށް ދައުވާ އުފުލަން ޖެހޭތޯ ބެލުމަށް އިންޑިއާގެ ސުޕްރީމްކޯޓުން އެކުލަވައިލި ޕެނަލަކުން 2013 ވަނަ އަހަރު ނިންމާފައި ވަނީ އޭނާއާ ދެކޮޅަށް ދައުވާ އުފުލޭ ވަރަށް ހެކި ނެތް ކަަމަށެވެ.