ސިއްހަތު

ކިވީ: ހުރިހާ ގޮތަކުން ވެސް ފައިދާ

Mar 26, 2015

ގިނަ މީހުންނަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބަހައްޓަން މޭވާ ކައި އުޅޭ މީހުންނެވެ. މޭވާ ބޭނުންކޮށްްގެން، އެކި ވައްތަރުގެ ފޭސް ޕެކްސް ފަދަ ތަކެތި ވެސް ހަދައި އުޅެ އެވެ.

ރީތިވުމަށް މީރު މޭވާއެއް ބޭނުންކުރާ ނަމަ ކިވީ މި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ އެވެ. ކިވީ އަކީ ހަންގަނޑު ރީތިކޮށް ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ ގިނަ މާއްދާތައް ހިމެނޭ މީރު މޭވާ އެކެވެ.

ކިވީ އަކީ ނިއުޓްރިއެންޓްސް ގިނަ މޭވާ އެކެވެ. އެގޮތުން، ހަންގަނޑަށް އެންމެ ބޮޑަށް ބޭނުންވާ ނިއުޓްރިއެންޓްސްގެ ގޮތުގައި ހިމެނޭ ވިޓަމިން އޭ، ސީ އަދި އީ ގިނަ އަދަދަކަށް ހިމެނެ އެވެ. ހަންގަނޑަށް ބޭނުންވާ މި ތިން ވިޓަމިން ފްރީ ރެޑިކަލްސް ނިއުޓްރަލައިޒް ކޮށް އަވަހަށް މުސްކުޅިވުމުން ދުރުކޮށް ދިނުމަށް އެހީތެރިވެދެ އެވެ. މީގެ އިތުރުން އޮކްސިޑޭޝަންގެ ސަބަބުން ހަންގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންވެސް ކުޑަކޮށްދެ އެވެ. އެހެންކަމުން މި ވިޓަމިންތައް، ހަންގަނޑުގައި ހަލާކުވެފައި ހުންނަ ސެލްތައް އަލުން އުފެދުމަށް އެހީތެރިވެ، ހަންގަނޑު ރީތިކޮށް އޮމާންކޮށް އަދި ޒުވާންކަމަށް ދެއްކުމަށް އެހީތެރިވެދެ އެވެ.

ގިނަ އަދަދަކަށް ވިޓަމިންސް ހިމެނުމުގެ އިތުރުން، ކިވީގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް މާއްދާ ހިމެނެ އެވެ. މި އެންޓި އޮކްސިޑެންޓް ފްރީ ރެޑިކަލްސް ނިއުޓްރަލައިޒް ކޮށް ދިނުމުގެ އިތުރުން، ހަންގަނޑު ގައި ހަލާކުވެފައި ހުންނަ ސެލްސްތައް އަލުން އުފެދުމަށް އެހީތެރިވެދެ އެވެ. އެހެންކަމުން ގަވާއިދުން ކިވީ ކާނަމަ މުސްކުޅި ވުމުގެ ސިފަތައް ލަސްކޮށްދެ އެވެ. އަދި މޫނުގައި ހުންނަ ކަޅު ލައްތައް ފިލުވައި މޫނުގައި ހުންނަ ރޫތައްވެސް ފިލުވުމަށް އެހީތެރިވެ އެވެ.

ކިވީ އަކީ ޑައިޓަރީ ފައިބާ މުއްސަނދި މޭވާއެކެވެ. ޑައިޓަރީ ފައިބާ އަހަރުމެންގެ ގޮހޮރުގަ އާއި ހަށިގަނޑުގައި ހިމެނޭ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެ އެވެ. މިފަދަ ވިހަ މާއްދާތައް ނައްތާލަދިނުމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއްކުރެ އެވެ. އެގޮތުން މޫނުގެ ހަންގަނޑު ރީތިވެ ސާފުވާނެ އެވެ.

ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭ މި މޭވާ ގަވާއިދުން ކާނަމަ ހަށިގަނޑުގައި ހުންނަ ފާރު ފަދަ ތަންތަން ފަސޭހައިން ރަނގަޅުވުމަށް އެހީތެރިވެދެ އެވެ. މީގެއިތުރުން ކިވީ އަކީ އޮމޭގާ 3 އާއި ފެޓީ އެސިޑް ގިނަ އަދަދަކަށް ހިމެނޭ މޭވާއެއް ކަމުން ހަށިގަނޑުގެ ސެލް މެމްބްރޭން ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދެ އެވެ. ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކުން ސަލާމަތްވުމަށް މިކަމުން އެހީތެރިވެދެ އެވެ.

ކިވީގެ މެެދުގައި ގިނަ އަދަދަކަށް ގުދުރަތީ އަލްފާ ހައިޑްރޮކް ސީލް ހިމެނެ އެވެ. އެހެންކަމުން، ފޮއްޗެއްހެން ކަނޑާލުމަށްފަހު މޫނުގައި އުނގުޅުމުން މީގައި ހިމެނޭ އެންޓި އިންފްލިމެންޓަރީ މާއްދާތައް ހަންގަނޑުގައި ހިމެނޭ އިންފެކްޝަންސް އުފައްދާ ބެކްޓީރިއާ ނައްތާލަދީ ހަންގަނޑު ސާފުކޮށްދެ އެވެ.

އަލްފާ ހައިޑްރޮކްސީލް އެސިޑް އާއި ވިޓަމިން ސީ މޫނުގައި ހުންނަ ލައްތައް ފިލުވާލަދީ ހަންގަނޑު މަޑުކޮށް މޫނުގައި ހުންނަ މައިކްރޯ ލޭޔާސްތައް ނައްތާލަދީ ހަންގަނޑުގެ ސްކިން ޓޯން އަލިކޮށްދިނުމަށް އެހީތެރިވެދެ އެވެ. އެހެންކަމުން ކޮންމެ ރެޔަކު ނިދުމުގެ ކުރިން ކިވީއެއް ޗަސް ކުރުމަށްފަހު ޕޭސްްޓެއް ތައްޔާރުކޮށްގެން މޫނުގައި އުނގުޅާށެވެ. ދިހަ ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

ހަންގަނޑަށް މުހިންމު ފައިދާތައް ހިމެނުމުގެ އިތުރުން، ކިވީ އަކީ ހަށިގަނޑަށްވެސް އެތަކެއް ފައިދާތަކެއް ލިބިދޭ މޭވާ އެކެވެ. ދުވާލަކު ކިވީއެއް ކާނަމަ ހަށިގަނޑުގެ ނިޒާމުތައް ރަނގަޅަށް ހިނގުމަށް އެހީއަކަށްވެ އެވެ. އަދި ނޭވާޔަށް ހިއްލުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދެ އެވެ. މީގެއިތުރުން އުމުރުން ދުވަސްވީ މީހުންގެ ލޮލުގެ ފެނުމުގެ ބާރުދަށްވުން ކުޑަކޮށްދީ، ކޮލެސްޓްރޯލާއި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދެ އެވެ. މީގެ އިތުރުން ގޮހޮރުގެ ކެންސަރު ޖެހުމުގެ ނުރައްކާ ވެސް ކުޑަކޮށްދެ އެވެ. ހަމައެއާއެކު ހަކުރު ބަލީގެ ބައެއް އުނދަގޫތައް ކުޑަކޮށްދެ އެވެ.