ގްރީން ޒޯން ކަމަށްވާ، ޖުމްހޫރީ މައިދާން ކައިރިއަށް ފުލުހުންގެ ސަފުތައް ފަޅާލާފައި ވަންނަން އުޅުމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފުލުހުން ހައްޔަރުކޮށްފި އެވެ.
އަހުލާގީ މައްސަލަތަކެއްގައި ދާދި ފަހުން ޕީޕީއެމްއިން ވަކި ކުރި މަހުލޫފް ހައްޔަރު ކުރީ ލޯކަސް މާރުކޭޓް ސަރަހައްދުން ގްރޫޕަކާ އެކު ގޮސް އެ ސަރަހައްދުގައި ތިބި ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަށް ވަންނަން މަސައްކަތް ކުރުމުންނެވެ. މަހުލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން އޭނާ ވަނީ ގަދަ ހަަދައި އަމިއްލައަށް ބިންމައްޗަށް ވެއްޓިގެންފަ އެވެ. އަދި މަހުލޫފް ބިންމަތިން ނެގުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި މަހުލޫފު ލައިގެން ހުރި ގަމީހުގެ ގޮށްތައް ނެއްޓުނެވެ. އެހެންވެ، މަހުލޫފް ހައްޔަރު ކޮށްގެން ގެންދަން ޖެހުނީ ފުލުހުންގެ ދެ މީހުން މަހުލޫފްގައި އަތުގައި ހިފައި އުފުލާލައިގެންނެވެ.
އެވަގުތު ވެސް މަހުލޫފް ގަދަ ދައްކައި ފައިބިންމަތީގައި ޖައްސަން މަސައްކަތް ވެސް ކުރެއްވި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މަހުލޫފް ހައްޔަރު ކުރީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ސަފުތައް ފޫއަޅުވާލަން އުޅުމުން ކަމަށެވެ. އަދި ސަރަހައްދުގައި ހަމަނުޖެހުން ހިންގުމަށް އެހެން މީހުންނަށް ހިތްވަރު ދީ އެކަމަށް ގޮވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިރޭގެ އެއްވުމުގެ ބައިވެރިން ވަނީ ޖުމުހޫރީ މައިދާން ހިމެނޭ ސަރަޙައްދުގައި ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑްތައް ދުރަށްޖައްސައި ބައެއް ދިމަދިމާލުން ބެރިކޭޑްތައް އުކާލައި ގަދަކަމުން ވަންނަން މަސައްކަތްކޮށް އެވަގުތު އެސަރަޙައްދުގައި ތިބި ބައެއް ފުލުހުން ހިފަހައްޓައި އެއްވުމުގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނަށް އަނިޔާ ކޮށްފައެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ރެއެކޭ އެއްގޮތަށް މިރޭގެ މުޒާހަރާގައި ވެސް މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ. އެގޮތުން ސައުންޑް ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފުލުހުން ގޮވައިގެން އައި ވެހިކަލްގެ ބިއްލޫރި ގަނޑު ތަޅާލާފައިވެ އެވެ. އަދި ޖުމްހޫރީ މައިދާނަށް ވަންނަން އުޅުނު ގްރޫޕުން ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރީގައި ތިބި ފުލުސް މީހުންނަށް ހަމަލާދީ، "އެ މީހުން މަރާލަންވީ" ކަމަށް ގޮވައިފަ އެވެ.