ދުނިޔެ

ޔަމަނު ހަނގުރާމައަށް ދެ އަަހަރު ފުރުން ފާހަގަކުރަން 100000 މީހުން މައިދާނަށް

Mar 27, 2017

ޔަމަނުގައި ދާހިލީ ހަމަނުޖެހުމެއްގެ ގޮތުގައި ފެށި، ބައިނަލް އަގުވާމީ ހަނގުރާމައަކަށް ބަދަލުވެފައިވާ ހަނގުރާމައަށް ދެ އަހަރު ފުރުމާ ދިމާކޮށް އެހަނގުރާމައިގައި ބައިވެރިވާ ބޭރުގެ ބާރުތަކާ ދެކޮޅަށް އަޑު އުފުލަން ލައްކައަކަށް ވުރެ ގިނަ މީހުން ވެރިރަށް ސަންއާގެ މެދު ތެރޭގައިވާ މައިދާނަކަށް އެއްވެއްޖެއެވެ.

ހަނގުރާމައަށް ދެ އަހަރު ވީ އިރު ޔަމަނުގެ އާއްމުންގެ ތެރެއިން 10000 އަށް ވުރެ ގިނަ މީހުން މަރުވެ، ގައުމު ވަނީ ބަނޑަށް ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.

ރޮއިޓާސް ބުނީ ސަންއާގެ ސަބީހު މައިދާނަށް އިއްޔެ ނުކުތީ ހޫސީ ދަރިކޮޅުގެ އަންސާރުﷲ ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާއަތާއި އެގައުމުގެ ކުރީގެ ރައީސް ޢަލީ ޢަބުދުﷲ ސޯލިޙަށް ތާއީދު ކުރާ މީހުން ކަމަށެވެ. އަދި ބުނީ އެމީހުން އަޑު އުފުލީ ޔަމަނު ހަނގުރާމައިގެ މޭސްތިރިން ކަމަށް އެމީހުން ދެކޭ ސައުދީ އަރަބިއްޔާއާއި އެމެރިކާއާ ދެކޮޅަށް ކަމަށެވެ.

ސަބީހު މައިދާނަށް އެއްވި މީހުން ތިބީ ރަތާއި ކަޅާއި ހުދު ކުލަ އެކުލެވޭ ޔަމަނުގެ ދިދަޔާއި ސައުދީ އަރަބިއްޔާ އާ އެމެރިކާއާ ދެކޮޅު ލިއުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އޭގެ ތެރެއިން ބައެއް ބޯޑް ތަކުގައި ލިޔެފައި ވަނީ " ސާބިތުކަމުގައި" ، "ޔަމަނުގެ ހިސޯރު ނައްތާލާ،" މިފަދަ އިބާރާތްތަކެވެ.

" މި އެއްވުމުގެ ބޭނުމަކީ ހަނގުރާމައިގައި ދެ އަހަރު ހޭދަވިޔަސް ޔަމަނު ރައްޔިތުން އަދިވެސް ތިބީ ނަސްރުވެރިކަމާ އެކުގައި ކަމާ، އަދިވެސް ދިރުން އެބަހުރިކަމާ އަދިވެސް ސުލްހައަށް ލޯބިކުރާކަމުގެ މެސެޖް ދުނިޔެއަށް ދިނުން،" ޔަމުގެ ކުރީގެ ރައީސް ޢަލީ ޢަބުދުﷲ ސޯލިޙުގެ ޕާޓީގެ ލީޑަރެއް ކަމަށްވާ އިއްސާމް އަލް އާބިދު ރޮއިޓާސްއަށް ވިދާޅުވެފައި ވެއެވެ.

ސޯލިހުގެ ޕާޓީއާއި އީރާނުގެ މަދަދު ލިބޭ ހޫސީ ދަރިކޮޅުގެ ހަނގުރާމަވެރިން ގުޅިގެން އުފައްދާފައިވާ ސަރުކާރު ހިންގާ ކައުންސިލްގެ ޗެއާމަން ސޯލިހު އައް ސަމަދު ވިދާޅުވީ ހަނގުރާމަ އަދިވެސް ކުރިއަށް ދަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި ހައްގަށް ނަސްރު ނުލިބެނީސް ހަނގުރާމަ ނުނިމޭނެ ކަމަށެވެ.

އިއްޔެ އެއްވުމުގައި ޔަމަނުގެ ކުރީގެ ރައީސް ޢަލީ ޢަބުދުﷲ ސޯލިޙު ވެސް ކުޑަ ވަގުތުކޮޅަކަށް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމުން 2011 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވި ފަހުން އޭނާ އާއްމުންގެ ތެރެއަށް ނުކުންނަވާފައި ވަނީ ވަރަށް މަދު ފަހަރެއްގައެވެ.

ޔަމަނު ހަނގުރާމަ ފެށުނީ ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ އެގައުމުގެ މިހާރުގެ ރައީސް ޢަބުދުއް ރައްބު މަންސޫރު ހާދީ އާ ދެކޮޅަށް ހޫސީ ހަނގުރާމަވެރިން ނުކުމެ، އޭނާ ވެރިރަށް ސަންއާއިން ބޭރުކޮށްލުމުންނެވެ. ސަންއާއިން ބޭރުކޮށްލުމުން އޭނާ ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށެވެ. އޭގެ ފަހުން ސައުދީ އަރަބިއްޔާއާއި ޔޫއޭއީއާއި ބައެއް އެހެން ގައުމުތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދަކުން ހޫސީންނާ ދެކޮޅަށް ހަމަލާދޭން ފެށިއެވެ. ހާދީ މިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ އަދަނުގައެވެ.