އިތުބާރު ނެތް ކަމުގެ މައްސަލަ

ވަކިވަކިން މެންބަރުންނާ ސުވާލުކޮށް ވޯޓު ނަގަން ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ވޯޓަށް އެހުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ހުށަހަޅުއްވައިފި އެވެ.

އެ މައްސަލާއާ ގުޅޭގޮތުން ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލުމުން އެންމެ ފުރަތަމަ ތެދުވެވަޑައިގެން، ނިހާން ވިދާޅުވީ މަސީހުގެ މައްސަލާގައި ވޯޓު ނަގާ އިރު ވޯޓު މެޝިން ބޭނުންކޮށްގެން ގަވައިދާ ހިލާފަށް ޖަލްސާގައި ކަންކަން ކުރިޔަށް ގެންދަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އަދި ވަކި ކޮޅަކަށް ވޯޓު ދެއްވާ އެހެން ބައެއްގެ ބޮލުގައި އެކަން އަޅުވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މަސީހުގެ މައްސަލާގައި މަޖިލުގެ ގަވައިދުގެ ދަށުން ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގަން ހުށަހަޅާކަމަށް ނިހާން ވިދާޅުވި އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ.

"އަޅުގަނޑު ވަރަށް ފަހުރުވެރިވަން މަޖިލީހުގެ ރައީސް ކަމަށް މަސީހު އައްޔަން ކުރެއްވީތީ. މަސީހާ ދެކޮޅަށް ހުށަހަޅާފައި ވަނީ ވެސް ބޭކާރު ހަތް މައްސަލަ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވާނެ. އެކަމެއް ނުކުރެވޭނެ،" ނިހާން ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލާގައި ވޯޓު ނެގުން އޮންނާނީ މިއަދު 1:30 ގައެވެ. އަދި ޖަލްސާ ފެށުމަށް ފަހު ނިހާންގެ ހުށަހެޅުމާ މެދު ގޮތެއް ނިންމެވުމަށް ވޯޓު ނަގަން ފުރުސަތު ހުޅުވާލާނެ އެވެ.