ދުނިޔެ

އަފްޣާން - ޕާކިސްތާން ބޯޑަރުގައި ޕާކިސްތާނުން ފެންސެއް ޖަހަނީ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އަރައިރުން އުފެދިފައިވާ ސަަރަހައްދީ ރޮނގުގައި ޕާކިސްތާނުން ފެންސް ޖަހަން ފަށައިފިއެވެ.

ޕާކިސްތާނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެންސް ޖެހުމުގެ މަސައްކަތް އެގައުމުގެ ސިފައިން ފެށީ އަފްޣާނިސްތާނުގެ ސަރަހައްދުގައި ތިބެފައި ޕާކިސްތާނަށް އައިސް ހަމަލާދޭ ތާލިބާން ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވަން ކަމަށެވެ.

ޕާކިސްތާނު ސިފައިން ފެންސް ޖަހަން ފެށީ އަފްޣާނިސްތާނުގެ އިރުމަތީގެ ދެ ޕްރޮވިންސް ކަމަށްވާ ނަންގަރުހާރާއި ކުނާރާއި އިންވެގެން އޮންނަ ޕާކިސްތާނުގެ ދެ ޑިސްޓްރިކްޓް ކަމަށްވާ ބަޖައުރާއި މޮހްމަންދުގައެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ 2500 ކިލޯމީޓަރުގެ ދިގު ސަރަހައްދީ ރޮނގަކީ ފަރުބަދަމަތީ ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގެ ބޮޑު ބަޔަކީ އެއްވެސް ގައުމަކަށް ރަނގަޅަށް ނުބެލެހެއްޓޭ ސަރަހައްދެކެވެ. އެ ތަނުގައި ދެގައުމު ވަކިވާ ހިސާބު ކަމަށް ޕާކިސްތާނުން ބަލާ ސަރަހައްދު އަފްޣާނިސްތާނުން ގަބޫލެއް ނުކުރެއެވެ. އެ ސަރަހައްދުގައި ފެންސް ޖަހަން ކުރިން ކުރި މަސައްކަތްތައް ހުއްޓުވަން އަފްޣާން ސަރުކާރުން މަސައްކަތް ކުރިއެވެ. ސަރަހައްދީ ރޮނގު ވަކިކުރާ ސަރަހައްދު ބަލަހައްޓާ ބާރުތައް ގާއިމްވެ ތިބޭ އިމާރާތެއް ބިނާކުރަން މިދިޔަ ޖޫން މަހު ޕާކިސްތާނުން މަސައްކަތް ފެށުމުން ދެގައުމުގެ ސިފައިން ވަނީ ބޮޑުބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެ ހަމަލާތަކުގައި ހަތަރު މީހުން މަރުވިއެވެ.

އެ ހަމަނުޖެހުން ތަކަށް ފަހު ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ޕާކިސްތާނުން ވަނީ މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުން ސަރަހައްދީ ރޮނގު މުޅިން ބަންދުކުރިއެވެ. ޕާކިސްތާނުން އެފިޔަވަޅު އެޅީ ސަރަހައްދީ ރޮނގު ހުރަސްކޮށް ތާލިބާނުން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ 130 މީހުން މަރުވުމުންނެވެ. އޭގެ ފަހުން ވެސް ތާލިބާނުންނާ ޕާކިސްތާން ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކޮށްފައި ވެއެވެ. އެކަން އެންމެ ފަހުން ހިނގާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެހަމަލާތަކުގައި ޕާކިސްތާނުގެ އަށް މީހުން މަރުވި އިރު އޭގެ ތެރޭގައި ޕާކިސްތާން ސިފައިންގެ ދެމީހަކު ވެސް ހިމެނެއެވެ.

ޕާކިސްތާނުން ސަރަހައްދީ ރޮނގު ބަންދުކުރުމުން އެއްގައުމުން އަނެއް ގައުމަށް ދާން ތިބި ގިނަ ބަޔަކު ބަންދުވެ، އެއްގައުމުން އަނެއް ގައުމަށް ގެންދަން އުޅުނު ހަލާކުވާ ޒާތުގެ ކާބޯތަކެތި ހަލާކުވުން ފަދަ ގެއްލުންތައް އާއްމުންނަށް ލިބުނެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ޕާކިސްތާނުން ވަނީ މިމަހުގެ 20 ވަނަ ދުވަހު ސަރަހައްދީ ރޮނގު އަލުން ހުޅުވާލާފައެވެ. - އަލްޖަޒީރާ