ދުނިޔެ

ޚާދިމާއަކު ބަނޑަށް ޖެއްސި ސިންގަޕޫރު ދެމަފިރިޔަކު ޖަލަށް

Mar 27, 2017
1

ސިންގަޕޫރު ދެމަފިރިއަކު ގޭގައި މަސައްކަތް ކުރަން ގެންގުޅުނު ފިލިޕީންސް އަންހެނަކަށް އެކަށީގެންވާ ވަރަށް ކާން ނުދީ ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، އެ ދެމަފިރިން ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ސިންގަޕޫރު ދެމަފިރިންގެ ޚާދިމާއެއްގެ ގޮތުގައި މަސައްކަތްކުރި ތެލްމާ އޮޔަސާން ގަވިޑާންއަށް އެކަށީގެންވާ ވަރަށް ކާން ނުލިބުމުގެ ސަބަބުން އޭނާގެ ގައިން 20 ކިލޯ ވަނީ ލުއިވެފައެވެ. އެއީ އޭނާގެ ގައިގައި ކުރިން ހުރި ބަރުދަނުގެ 40 ޕަސެންޓެވެ. ކޯޓްގައި އޭނާ ބުނެފައި ވަނީ އެ 15 މަސް ދުވަހުވެސް އޭނާއަށް ކާން ދީފައި ވަނީ ދުވާލަކު ދެ ފަހަރު ކުޑަ އެތިކޮޅެއް ކަަމަށެވެ. ކާން ނުދިނުމުގެ އިތުރުން އޭނާ ފެން ވަރަން ވެސް ފުރުސަތު ދީފައި ވަނީ ހަފުތާއަކު ދެ ފަހަރު ކަަމަށާއި ނިދަން ބޭއްވީ ގުދަނެއްގައި ކަމަށް ވެސް ކޯޓުގައި ތެލްމާ ބުނެފައި ވެއެވެ.

ތެލްމާ ވަޒީފާ ދީގެން ގެންގުޅުނު ސިންގަޕޫރުގެ ލިމް ޗޫން އާއި އޭނާގެ އަނބި ޗޮން ސުއި ފޫން ވަނީ އޭނާއަށް އެކަށީގެންވާ ވަރަށް ކާން ނުދީ ގެންގުޅުނު ކަމަށް ކޯޓްގައި އިއުތިރާފްވެފައެވެ. ނަމަވެސް އެމީހުން ބުނެފައި ވަނީ ތެލްމާއަށް ކާންދީފައި ވާނީ އާއިލާއިން ވެސް ކައިބޮއި އުޅުނު މިންވަރަށް ކަމަށެވެ. އެކަން އެހެންވީ ގޭތެރެ ސާފު ކުރުމަށާއި ކެއުމަށް ޗޮން ދެވި ހިފާފައި ވުމުގެ ސަބަބުން ކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.

ތެލްމާ ބުނެފައިވާ ގޮތުގައި އޭނާއަށް އެހެން ބައެއްގެ އެހީތެރިކަމެއް ނުހޯދި ގިނަ ދުވަސްތަކެއް ހޭދަވީ އޭނާގެ މޯބައިލް ފޯނާއި ޕާސްޕޯޓް ލިމްޗޫންގެ ދެމަފިރިން އަތުލާފައި ވުމުން ކަމަށެވެ. އޭނާ އެކަމުން ސަލާމަތްވީ ގެއިން ފިލައިގެން ގޮސް ބިދޭސީ މަސައްކަތްތެރިން ހިންގާ އެހީދޭ ގްރޫޕެއްގެ އެހީތެރިކަން ހޯދައިގެންނެވެ.

ލިމްޗޫންގެ ދެމަފިރިންނާ ދެކޮޅަށް ދައުވާ ކުރި ދައުލަތުގެ ވަކީލުން ބުނެފައި ވަނީ މަސައްކަތުމީހާއަށް ކާން ނުދީ އުޅުނު އިރު ވެސް އެދެމަފިރިން ދިޔައީ ރަނގަޅު ކާނާ ގިނައިން ކަމުން ކަމަށެވެ. އަދި އެ ދެމަފިރިންނަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްދޭން ވަކީލުން ކޯޓްގައި އެދުނެވެ. ނަމަވެސް އެ ދެމީހުންގެ ތެރެއިން ލިމް ޗޫންއަށް ކޯޓުން ހުކުމްކޮށްފައި ވަނީ ތިން ހަފުތާއަށް ޖަލަށް ލުމަށާއި 10000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކުރުމަށެވެ. އަދި ޗޮން އަށް ހުކުމްކޮށްފައި ވަނީ ތިން މަހަށް ޖަލަށް ލުމަށެވެ.

ތެލްމާއަށް ތަހައްމަލުކުރަން ޖެހުނު ބަނޑުހައިހޫނުކަމުގެ ބަދަލުގައި އޭނާއަށް 20000 ސިންގަޕޫރު ޑޮލަރު ލިބުނެވެ. - ބީބީސީ