އިތުބާރު ނެތް ކަމުގެ މައްސަލަ

ނަތީޖާ ގަބޫލެއް ނުކުރަން، މައްސަލަ އަލުން ވައްދާނަން: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މިއަދު ނެގި ވޯޓަކީ ގަވައިދާ ހިލާފަށް ނެގި ވޯޓެއް ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް އަލުން ވައްދާނެ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.

ވަކިވަކިން މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ތަޅުމުން ނިކުމެ ވަޑައިގަތް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އެ ބޭފުޅުން ދެ މަސައްކަތް ކުރައްވަމުން ގެންދަވާނީ ޖޮއިންޓް ޕާލިމެންޓް ގުރޫޕެއްގެ ގޮތުގައި ކަމަށެވެ. އަދި އެ މައްސަލަ އަލުން ވެއްދުމުގެ މަސައްކަތް މިރޭ ފައްޓަވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ދެން އެ މައްސަލަ ވައްދާނީ ވަރަށް ރޭވުންތެރިކަމާއެކު މައްސަލަ ހުށަހަޅާއިރު ވެސް މަސީހުގެ އިތުބާރު ނެތް މިންވަރަށް މެންބަރުންގެ ސޮއި ހޯދުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް މި ހިސާބުން ހުއްޓުނީއެއް ނޫން، އަޅުގަނޑުމެން ދަންނަވާނީ މިއީ ފެށުމެއް، ހަމަ ވަރަށް އަވަހަށް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަޅުގަނޑުމެން ގުޅިގެން ހުށަހަޅާނަން، އަދި އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން، އެކަމަަށް ކުރަން ޖެހޭ ކަންކަން ވެސް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، މިއަދު މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްނުވި ނަމަވެސް އެއީ ނާކާމިޔާބީއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މި މަސައްކަތަކީ މަޖިލީހުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކުރާތީ އެކަން އިސްލާހުކުރުމަށް ފެށުނު މަސައްކަތެއް ކަމަށާއި މިއަދު ވެސް ފެނިގެން ދިޔައީ ގަވައިދާ ހިލާފަށް ރިޔާސަތުން އަމަލުކުރި ތަން ކަމަށެވެ. އެހެންކަމުން މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަން ފެންނާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، ވަކިވަކި މެންބަރުންނާ ސުވާލުކޮށް ވޯޓު ނެގުމަކީ މެންބަރުންގެ މިނިވަންކަން ގެއްލިގެން ދާނެ ކަމެއް ކަމަށާއި އެހެން ކަމުން މިއަދު ނެގި ވޯޓަކީ މިނިވަން ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އިތުރަށް އިދިކޮޅު ފަރާތްތަކުން ކަންކަން ރާވައި އިސްލާހުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އަވަހަށް ކުރިއަށް ހުރި ކަންކަން އިއުލާން ކުރާނަން، އަދި އަޅުގަނޑުމެންގެ ބޮޑުވަމުން އަންނަ ޓީމަށް އިތުރު މެންބަރުން ވެސް ގުޅިވަޑައިގަންނަމުންދާ މަންޒަރު ފެންނާނެ،" ފާރިސް ވިދާޅުވި އެވެ.