ޒަހާ ވަހީދު

އިތުބާރު ނެތްކަމުގެ ނޯޓިސް ޒަހާއަށް ފޮނުވައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ހުށަހަޅާފައިވާތީ އެކަމާ ގުޅޭ ނޯޓިސް މަޖިލީހުން އެކަމަނާއަށް ފޮނުވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ ޒަހާއަށް ނޯޓިސް ފޮނުވީ މިއަދު ކަމަށެވެ.

އިދިކޮޅަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ޒަހާއަށް ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޖުމްލަ 10 މެމްބަރުން ސޮއިކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވެސް ހިމެނިލައްވަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދާ މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދިނުމަށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައިނުވާ ކަމަށެވެ.

އެހެން ކަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ ކަމަށެވެ.

ޒަހާއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ "އެމްއާރުއެމް" ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އާއިލީގޮތުންވެސް ތިމާގެ ކަން އޮންނަ ޒަހާގެ ދިފާއުގައި މައުމޫންވެސް މިހާރު ވަނީ ނުކުމެވަޑައިގެންފަ އެވެ.

ޒަހާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް މިނިސްޓަރަކީވެސް ޒަހާ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމާމެދު އެމްޑީޕީގެ ބައެއް މެންބަަރުން ތަކުރާރުކޮށް ސުވާލު އުފައްދާފައިވެއެވެ. އަދި ޒަހާގެ އިސްތިއުފާއަށްވެސް އެމްޑީޕީގެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ.

މި ސަރުކާރު ފެށުނުއިރު އެމްއާރުއެމްއަށް ނިސްބަތްވާ ތިން މިނިސްޓަރަކު ކެބިނެޓްގައި އިންނެވި އެވެ. އެއީ ޒަހާއާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް އާއި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު އެވެ. ނަމަވެސް ފަހުން އާތިފާވަނީ އިސްތިއުފާ ދެއްވައިފަ އެވެ.