ތަޖިކިސްތާނާ ދެކޮޅަށް މިރޭ ރާއްޖޭގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގެ ކުރިން ރަނގަޅު އިމްތިހާނެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަކީ ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ޕޮޕޯފްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗެވެ.
"މިއީ އަހަރެމެންނަށް ރަނގަޅު އިމްތިހާނެއް. ވޯލްޑް ކަޕް ކޮލިފައިންގެ ކުރިން އަހަރެމެންނަށް ފީފާ ޑޭޓެއްގައި ކުޅެން ލިބޭ ހަމައެކަނި މެޗު މިއީ. މި މެޗުގެ ބޭނުން ހިފަންޖެހޭ،" މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޕޯފް ބުންޏެވެ. "ތަޖިކިސްތާނަކީ ވަރުގަދަ ޓީމެއް. ހާއްސަކޮށް ފިސިކަލީ ރާއްޖެ އަށްވުރެ އެ ޓީމު ރަނގަޅުވާނެ. އަހަރެމެން ފިސިކަލް ގޭމެއް ކުޅެފިއްޔާ އަހަރެމެން ބަލިވާނެ. އަހަރެމެން ބަލަންވީ ޓެކްނިކަލީ ގޮތުން ލިބިފައިވާ ހުނަރު ބޭނުންކޮށްގެން، އެ ޓީމު ބަލިކުރަން."
އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި 2011 ވަނަ އަހަރު ރާއްޖެ އާއި ތަޖިކިސްތާން މާލޭގައި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.
ޕޮޕޯފް ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު، ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް "އާދޭހާއެކު އެދޭ" ކަމަށެވެ.
"އަހަރެން އާދޭހާއެކު މި އެދެނީ ވީހާ ވެސް ގިނަ ސަޕޯޓަރުން މާދަމާ ރޭ ދަނޑަށް ވަދެ ޓީމަށް ތަރުހީބު ދިނުމަށް. އޭއެފްސީ ކަޕްގައި މާޒިޔާ އާއި ނިއު ބައްދަލުކުރި މެޗުތަކުގައި ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ވުރެ ގިނަ ފުޓްސަލް (މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕް)ގެ މެޗުތައް ބަލަން ވަންނަ ސަޕޯޓަރުން. މާދަމާ ރޭ ގައުމީ ޓީމު މި ނުކުންނަނީ ވަކި ބަޔަކަށް މޮޅެއް ހޯދައިދިނުމަކަށް ނޫން. މި ނުކުންނަނީ ގައުމު ތަމްސީލްކުރަން،" ޕޮޕޯފް ބުންޏެވެ.
ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 2100ގަ އެވެ.