ރާއްޖެ ޓީވީ

ވިސާމްގެ ދެވަނަ މައްސަލައިގެ ހުކުމް މާދަމާ

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި އެވެ. މީގެ ކުރިން ވިސާމްގެ މައްޗަށް ވަނީ 28،800 ރުފިޔާގެ ޖޫރިމަނާ ހުކުމެއް އައިސްފަ އެވެ.

ދެވަނަ މައްސަލާގައި ވިސާމްގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ. ވިސާމަށް ކުރާ މި ދައުވާގައި ބުނަނީ މާޗް 25، 2015 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބަލަން ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ. -- އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ.

މި މައްސަލާގައި ހުކުމް އިއްވުމަށް މީގެ ކުރިން ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ވިސާމްގެ މައްޗަށް ފުރަތަމަ އުފުލި ދައުވާގައި އިއްވި ހުކުމުގައި އޭނާ ޖޫރިމަނާކުރަން ނިންމީ، އެއީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތވި ފުރަތަމަ ފަހަރު ކަމަށްވާތީ އެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ ވިސާމްގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އައުން ގާތެވެ.

ވިސާމްގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން ނަސީރު ވެސް ވަނީ 28،800 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އަދި، އެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރު ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެއީ ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވުމުންނެވެ.

މީގެއިތުރުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާގެ މައްޗަށް ވެސް ދައުވާކޮށް ޝަރިއަތް ވަނީ ފަށާފަ އެވެ.