މުހައްމަދު މަބްރޫކް އަޒީޒް

ދެ ދައުރުގެ ވާހަކަ އިތުރަށް ސާފުކޮށް ދެއްވައިފި

ރާއްޖެއަށް ފުރިހަމަ ތަރައްގީ ގެންނަން ވެރިކަމުގެ ދެ ދައުރު ލިބެން ޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ވިދާޅުވުން އިތުރަށް ސާފުކޮށްދެއްވައިފި އެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާ ގޮތުން ތަރައްގީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެވެ.

މިގޮތުން ފަސް އަހަރުގެ އެއް ދައުރަށްވުރެ ދިގު ކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްގީ ގެނައުމަށް އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސްކަމުގެ ދެ ދައުރު ފުރިހަމަކޮށްގެން ނޫނީ ތަރައްގީ އެންމެ ފުރިހަމަގޮތުގައި ނުގެނެވޭނެ. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެންމެ ދިގު މުއްދަތަކަށް ވެސް ވެރިކަމުގައި ހުންނެވުނީ ފަސް އަހަރަށްކަން. މި ފަސް އަހަރުގެ ތެރެއިން ފުރަތަމަ އަހަރު ވެރިކަމުގެ ސިސްޓަމްއަށް އަހުލުވެރިވުމަށް ނަގާއިރު ފަހު އަހަރު ކެމްޕޭންކުރުމަށް މިދަނީ. ޑެލިވަރީއަށް ދޭ މުއްދަތު ވަރަށް ކުޑަ އެހެންނޫންތޯ،" މަބްރޫކް ވިދާޅުވި އެވެ.

މަބުރޫކްގެ މި ވާހަކަތަކާއި ގުޅިގެން ރައީސް ސޯލިހު ދެވަނަަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވީ ކަމަށް ބުނެ ވާދަވެރިން ދަނީ ފާޑުކިޔަމުންނެވެ. އަދި ރައީސް ސޯލިހުގެ ދެވަނަ ދައުރެއް ދެކެން ބޭނުން ނުވާ ކަމަަށް ބުނެ ސިޔާސީ ވާދަވެރިންނާއި އެކްޓިވިސްޓުން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކުރަމުންނެވެ.

މަބުރޫކް ދެއްކެވި ވާހަކަތައް އިތުރަށް ސާފުކޮށްދެއްވާ އޭނާ ވިދާޅުވީ ރާއްޖެއަށް ފުރިހަމަ ތަރައްގީ ގެންނަން ވެރިކަމުގެ ދެ ދައުރު އެއް ބަޔަކަށް ލިބެން ޖެހޭ ކަމަށާ މިއަދު ވިދާޅުވީ އެ ވާހަކަ ކަމަށެވެ. ވެރިކަމުގެ ދެވަނަ ދައުރަކާ ގުޅޭގޮތުން ރަައީސް ސޯލިހް މިހާތަނަށް ނިންމެވުމެއް ނިންމަވާފައިނުވާ ކަމަށާ އެ ސުވާލަށް އެމަނިކުފާނު ކުރީން ޖަވާބުވެސް ދެއްވާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ހަމަޖެހުމަށްވެސް އެއް ބަޔަކަށް ވެރިކަން ކުރަން ދެ ދައުރު ލިބުން މުހިންމު ކަމަށެވެ. އަދި މިއަދު ޓީވީ ޝޯގައި ވިދާޅުވީ އެ ވާހަކަ ކަމަށް އިޝާރާތް ކުރައްވާ ޝޯގެ ވީޑިއޯ ކްލިޕެއްވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

މަބްރޫކްގެ ވާހަކަފުޅަށް ރައްދު ދެއްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖެ މިހާތަނަށް ނުދެކޭހާ ލަސް އަދި ވިސްނުންކޮށި ބޭފުޅެއްކަން މިވީހާތަނުން ސާބިތުވެފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ހެޔޮއެދޭނަމަ އެގްޒިޓް ޕްލޭންކުރައްވާ. އިތުރަށް ފަސް އަހަރަށް ރައްޔިތުންނަށް ވޭންދިނުމަކީ އޯގާތެރި ސިފައެއްނޫން،" ރައީސް ސޯލިހަށް އަމާޒު ކުރައްވައި، ޖަމީލް ވިދާޅުވި އެވެ.