ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް: ބަކާ

ދިވެހިރާއްޖެ އާއި ތަޖިކިސްތާން މިރޭ ކުޅޭ އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.

މިޔަންމާގެ ކޭބީޒެޑް އެފްސީ އަށް ކުޅެމުންދާ ބަކާ ވައިސް ކެޕްޓަނަކަށް ހަމަޖެއްސިއިރު، ދެވަނަ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީގެ ކޮއްކޮ އަކުރަމް އަބްދުލް ގަނީ އެވެ. ކެޕްޓަންކަން ކުރާނީ 2009 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުންދާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

އެކަމަކު އަނިޔާގެ މައްސަލަތާ ގުޅިގެން ދަގަނޑޭ މިރޭގެ މެޗުގެ ފުރަތަމަ 11ގައި ކުޅޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ދަގަނޑޭ ފުރަތަމަ 11ގައި ނުހިމެނިއްޖެ ނަމަ، މިރޭގެ މެޗަށް ޓީމު ނުކުންނައިރު ކެޕްޓަން ބޭންޑް އަޅާނީ ބަކާ އެވެ.

ބަކާ ބުނީ ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ރާއްޖެ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި ސަޕޯޓަރުން "ހިތްހަމަޖެހޭ" ފެންވަރުގެ ކުޅުމެއް ދައްކަން ޓީމުން މަސައްކަތްކުރާނެ ކަމަށެވެ.

"ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓު ކުރެއްވުން އެދެން. އިރާދަކުރެއްވިއްޔާ ސަޕޯޓަރުން އުފާވާނެ ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާއެއް ނެރޭނަން،" ބަކާ ބުންޏެވެ.