ދުނިޔެ

ކޮލަމްބޯގެ ބޮޑު ބަޔަކުން 15 ގަޑި އިރަށް ފެން ކަނޑާލަނީ

Mar 28, 2017
1

ފެނުގެ ނިޒާމުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބޮޑު ބަޔަކުން މާދަމާ ފެން ކަނޑާލާނެ ކަން އެ ގައުމުގެ ސަރުކާރުގެ ފެން ކުންފުނިން ބުނެފި އެވެ.

ސްރީލަންކާގެ ނެޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރައިނޭޖް ބޯޑާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ ފެން ކަނޑާލާނީ މާދަމާ ހެނދުނު 9.00 އިން ފެށިގެން މާދަމާ ރޭ މެންދަމު 12.00 އަށް ކަމަށެވެ. ފެން ކެނޑޭނެ ކަމަށް އެ ބޯޑުން އިއުލާންކޮށްފައިވާ ސަރަހައްދުތަކަކީ ދެހިވަލާ، މައުންޓް ލެވީނިއާ، ކޯއްޓޭ، ކަޑުވެލާ، މަހާރަގަމަ، ބޮރިލެސްގަމުވާ، ކޮލޮންނަވާ، ކޮޓިކަވައްޓާ، މުއްލެރިޔަވާ އަދި ރަތުމަލަނާ އެވެ.

މިހާ ގިނަ ސަރަހައްދުތަކުން މިހާ ގިނަ އިރަށް ފެން ކަނޑާލާ ގޮތަށް ހަމަޖެއްސި ނަމަވެސް އެކަމާބެހޭ މާބޮޑު ތަފުސީލެއް ނެޝަަނަލް ވޯޓާ ސަޕްލައި އެންޑް ޑްރައިނޭޖް ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.

ފެނުގެ ނިޒާމުގެ މަރާމާތުގެ މަސައްކަތަކަށް މިދިޔަ އަހަރުވެސް ކޮލަމްބޯގެ ބައެއް ސަރަހައްދުތަކުން 12 ގަޑި އިރަށް ފެން ކަނޑާލާފައި ވެއެވެ.

ސްރީލަންކާއަށް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިމަތިވެފައިވާ ހަނަފަސް ކަމުގެ ސަބަބުން ފެން ލިބުމުގެ ދަތިކަމާ ވެެސް ވަނީ ކުރިމަތިވެފައެވެ.

ދަރިންނަށް ކިޔަވައި ދިނުމަށް ޓަކައި ރާއްޖޭގެ ގިނަ އާއިލާތަކެއް ލަންކާގެ ވެރިރަށް ކޮލަމްބޯ އާއި އެރަށުގެ ރަށްބޭރު ސަރަހައްދުތަކުގައި ދިރިއުޅެ އެވެ.