ދުނިޔެ

ނިއުކްލިއަ ހަތިޔާރު މަނާ ކުރުމުގެ މަޝްވަރާއަށް އެމެރިކާ ނުދިޔަ

Mar 28, 2017

ނިއުކްލިއަ ހަތިޔާރު މަނާ ކުރުމަށް ބައިނަލް އަގުވާމީ މުއާހަދާއެއް ގާއިމް ކުރުމުގެ މަޝްވަރާތަކަށް އދ. ގެ މެމްބަރު 113 ގައުމަކުން އެމެރިކާގެ ނިއުޔޯކް ސިޓީގައި އިއްޔެ ފެށި ބައްދަލުވުމަށް އެމެރިކާއިން ހާޒިރެއް ނުވި އެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހާލޭ އެ ބައްދަލުވުމަށް ވަޑައި ނުގެން ހުންނެވުމަށް ފަހު ވިދާޅުވީ އެމެރިކާއިން ނިއުކްލިއަ ހަތިޔާރު ނުގެންގުޅޭ ވަރަށް ވުރެ ދުނިޔެ މާ ނުރައްކާތެރި ކަަމަށެވެ.

ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާއަކާ ބެހޭ މަޝްވަރާތައް ބޮއިކޮޓް ކުުރުމަށް އެމެރިކާއިން ވަނީ 40 ގައުމު ހިމެނޭ އިއްތިހާދެއް ހަދާފަ އެވެ. އެގޮތުން އެފަދަ މުއާހަދާއެއް ހެދުމާ ދެކޮޅު ގައުމުތަކުގެ ތެރޭގައި މިހާރު ނިއުކްލިއާ ހަތިޔާރު އުފައްދާފައިވާ ހުރިހާ ގަުމުތަކެއް ހިމެނެ އެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިހާރު ނިއުކްލިއަ ހަތިޔާރު ހުރިކަން އިނގޭ ގައުމުތަކަކީ އެމެރިކާ، އިނގިރޭސިވިލާތް، އިސްރާއީލް، ޗައިނާ، ފްރާންސް، ރަޝިޔާ، އިންޑިއާ ޕާކިސްތާނު އަދި އުތުރުކޮރެއާ އެވެ.

ނިއުކްލިއަ ހަތިޔާރު މަނާ ކުރާ މުއާހަދާއަކާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކުން މަޝްވަރާކުރަން ފެށީ ނިއުކްލިއަ ހަތިޔާރާއި އެހަތިޔާރު އުފެއްދުމުގެ ޓެކްނޮލޮޖީ ފެތުރުން މަނާކުރުމަށް 1968 ވަނަ ސޮއިކުރި "ދަ ނިއުކްލިއާ ނަން ޕްރޮލިފިރޭޝަން ޓްރީޓީ" އަށް ގައުމުތަކުތަކުން އަމަލުނުކުރާތީ އެކަމާ ހިތްހަމަ ނުޖެހޭ ގައުމުތަކުންނެވެ. އެ ފަދަ މުހާދާއެއް އެކުލަވައިލުމަށް މިހާރު ދުނިޔޭގެ 123 ގައުމަކުން ތާއީދުކުރެ އެވެ.