ވިޔަފާރި

ފޯނު ކޯލަކުން ބިލް ދެއްކޭނެ ހިދުމަތެއް އުރީދޫން ތައާރަފުކޮށްފި

Mar 26, 2015

ފޯނު ކޯލެއް ކޮށްލައިގެން ފޯނު ބިލާއި ރާސްޓަސްގެ ހިދުމަތް ފަސޭހަކަމާ އެކު ހޯދޭނެ ހިދުމަތެއް އުރީދޫން މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީނިއަ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދާޅުވީ އެ ކުންފުނިން ހިލޭ ދޭން ފެށި " ކޯލް ޓު ޕޭ" ހިދުމަތް ހޯދުމަށް ހަމަ އެކަނި ޖެހޭނީ 999 އަށް ގުޅާލަން ކަމަށެވެ.

"މި ހިދުމަތް ހޯދާކަށް ވަކިން ޗާޖެއް ނުކުރާނެ. މި ހިދުމަތް ހޯދުމަށް 999 އަށް ގުޅައިލުމުން ރެކޯޑުވެފައިވާ މެސެޖެއް ލިބޭނެ. އޭގައިވާ ގޮތަށް އަމަލު ކުރުމުން ހިދުމަތް ހޯދޭނެ،" މަރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތް މެދުވެރިކޮށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ރާސްޓަސްގެ ހިދުމަތް ވެސް ހޯދޭނެ ކަމަށެވެ.

"މި ހިދުމަތް ހަމަ އެކަނި ލިބޭނީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ގެންގުޅުއްވާ މިހާރު. މި ހިދުމަތް ތައާރަފު ކުރުމުން ރާސްޓަސް ހޯދުމަށް ވަކިން ތަނަކަށް ނުގޮސް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް މި ހިދުމަތް ހޯދޭނެ،" މަރީ ވިދާޅުވި އެވެ.

އުރީދޫން "ކޯލް ޓު ޕޭ" ހިދުމަތް ތައާރަފު ކުރިއިރު، އެ ކުންފުނީގެ ފޯނު ބިލް އޮންލައިން މެދުވެރިކޮށް ވެސް ދެއްކެ އެވެ.