ހަބަރު

ބުޑިސްޓަކަށް ވުމަށް ފަހު ހިލްއަތު އިސްލާމްވެ މައާފަށް އެދެފި

Mar 26, 2015
9

އިސްލާމް ދީނާ ދެކޮޅަށް ލިޔެ އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ އުުޅުމަށް ފަހު މީގެ ދުވަސްކޮޅެއް ކުރިން ބުދިސްޓަކަށް ވެފައިވާ ކަމަށް އިއުލާނުކުރި ހިލްއަތު ރަޝީދު އެ ހުރިހާ ކަމަކަށް މައާފަށް އެދި، ﷲ ވޮޑިގެންވާކަން ގަބޫލުކުރާ ކަމަށް ބުނެފި އެވެ.

ހިލްއަތުގެ ކަރުގައި 2012 ވަނަ އަހަރު މީހަކު ކަޓަރު އަޅައި، ވަރަށް ބޮޑަށް ޒަހަމްކޮށްލި ހާދިސާ އަށް ފަހު އޭނާ އުޅެމުން ދަނީ ސްރީ ލަންކާގަ އެވެ. އޭނާ ލަންކާގައި އުޅެމުން ބުޑިސްޓަކަށް ވެ އޭނާ ނަމަކީ ހަސިންގު ކަލްޕިތިޔާ ކަމަށް ކުރިން ބްލޮގްގައި ބުނެފައިވެ އެވެ.

"މިނިވަންކަމާ އެކު ވިސްނައިފި ނަމަ ކޮންމެ މީހަކަށް ވެސް މި ހަގީގަތް އެނގިގެން ދާނެ އެވެ." އިނގިރޭސި ބަހުން ލިޔެފައިވާ ޕޯސްޓްގައި ބުނެފައިވެ އެވެ.

ހިލްއަތުގެ އެކުވެރިޔަކު ބުނީ ހިލްއަތު މިއަދު ލަންކާގައި ގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ގޮސް އިސްލާމްވާން ބޭނުން ކަމަށް ބުނެފައިވާ ކަމަށެވެ.

ބްލޮގްގައި ހިލްއަތު ބުނެފައި ވަނީ މީގެ ފަހުން ބޮލްގް ކުރުން ވެސް ހުއްޓާލީ ކަމަށެވެ. މީގެ ފަހުން އެއްވެސް މީހަކަށް ފުރައްސާރަ ނުކުރާނެ ކަމަށާއި ފުރައްސާރަ ރައްދުވެފައިވާ އެންމެންގެ ކިބައިން އިހްލާސްތެރިކަމާ އެކު އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ ކުރިން ލިޔެފައިވާ ހުރިހާ ބްލޮގް ޕޯސްޓްތަކެއް ޑިލީޓް ކޮށްލުމަށް ވެބްމާސްޓަރުގެ ކިބައިން އެދިފައި ވާނެ ކަމަށާއި އެކަމަކު އޭނާގެ ޓްވިޓާ އާއި ފޭސްބުކް އަނެއްކާވެސް ވަނީ ބަޔަކު ހައިޖެކް ކޮށްފައި ކަމުނެ އެ ދެ އެކައުންޓުން އިސްލާމް ދީނާ ދެކޮޅު ވާހަކަ ފަތުރަފާނެ ކަމަށް ބުނެފައިވެ އެވެ.

"އެ ދެ އެކައުންޓުން އަހަރެންގެ ނަން ހުތުރުކޮށް އަހަންނާ މެދު ނަފުރަތު އުފެއްދުމަށް އިސްލާމް ދީނާ ދެކޮޅު ވާހަކަ ފަރުރަފާނެ އެވެ."

ހިލްއަތު އެދިފައި ވަނީ އޭނާގެ ޓްވިޓާ އާއި ފޭސްބުކުން އިސްލާމް ދީނާ ދެކޮޅަށް ލިޔާ ނަމަ އެކަން ފޭސްބުކާއު ޓްވިޓާ އަށް ރިޕޯޓް ކުރުމަށް އެދިފަ އެވެ.

ދީނީ މިނިވަންކަމަށް ގޮވާލައި ރާއްޖޭގައި މުޒާހަރާ ކުރުމުން ހައްޔަރު ވެސް ކޮށްފައިވާ ހިލްއަތުގެ ޕޯސްޓް ނިންމާލާފައި ވަނީ މާތް ﷲ އެންމެންނަށް ހިދާޔަތް ދެއްވައި ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ކުރަމުންނެވެ.