ހަބަރު

މަހުލޫފާއި ދެ ނޫސްވެރިންގެ ބަންދަށް ފަސް ދުވަސް ޖަހައިފި

Mar 26, 2015

ރޭ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

މިއަދު މެންދުރު ބޭއްވި މުއްދަތު މަޖިލީހަށް ފަހު އެ މީހުން މިހާރު ވަނީ އަނެއްކާ ވެސް ދޫނިދުއަށް ގެންގޮސްފަ އެވެ. އެ މީހުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ފުލުހުންގެ އެންގުތަކަށް ހުރަސް އެޅުމުގެ ތުހުމަތު ކަމަށް އެނގިފައިވެ އެވެ. އަދި ފުލުހުން ބަންދުގެ މުއްދަތަކަށް އެދުނީ އެ މައްސަލަ ތަހުގީގު ކުރުމަށެވެ.

މަހުލޫފް ވެސް އަދި ދެ ނޫސްވެރިން ވެސް ހައްޔަރު ކުރީ، ރޭ ލޯކަލް މާރުކޭޓް ސަރަހައްދަށް މުޒާހަރާގެ ބައިވެރިން އެއްވެ، ގްރީން ޒޯނަށް ވަދެ ގަންނަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުން ތަކުގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ މަހުލޫފެވެ.

ރާއްޖެ ޓީވީއިން ބުނެފައި ވަނީ އެ ދެ ނޫސްވެރިން ހައްޔަރު ކުރީ، މަހުލޫފް ހައްޔަރު ކުރި ވަގުތު ފުލުހުންގެ އަމަލުތައް ހުރިގޮތް ވީޑިއޯ ކުރުމުން އެކަމައި ރުޅިގަދަވެގެން ކަމަށެވެ. އަދި އެއީ އެ ޗެނަލަށާއި ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށް ވެސް އެ ޗެނަލުން ސިފަކޮށްފައިވެ އެވެ. އަދި އެމްޑީޕީ އިން ވެސް ބުނެފައި ވަނީ މަހުލޫފް ހައްޔަރު ކުރީ ދުރާލައި ޓާގެޓް ކޮށްގެން ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި މަހުލޫފް ހައްޔަރުކޮށްގެން ގެންދިޔައީ އަނިޔާވެރިކޮށް ކަމަށް ވެސް އެ ޕާޓީއިން ބުނެފައިވެ އެވެ.