ހަބަރު

ބިދޭސީން މުޒާހަރާ ކުރަނީ އިގްތިސާދަށް ގެއްލުން ދޭން: މިނިސްޓްރީ

Mar 26, 2015

ބިދޭސީން މުޒާހަރާ ކުރުމަށް ރާވަމުން އަންނަނީ ވިޔަފާރިތަކަށާއި އިގްތިސާދަށް ގެއްލުން ދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީން މުޒާހަރާ ކުރުމަކީ އެ މީހުންނަށް ދޫކޮށްފައިވާ ވޯކް ވިސާއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގައި އެއްވެސް ބިދޭސީއަކު ބައިވެރިނުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެފަދަ އަމަލުތައް ހިންގަނީ ރާވައިގެން ސީދާ ރާއްޖެއަށް ގެއްލުން ދިނުމަށެވެ.

"ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މި ގޮތަށް މުޒާހިރާ ކުރުމަކީ، ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ގެއްލުން ދިނުމަށް، ސީދާގޮތުން ރޭވިގެން ހިންގާ އަމަލެއް ކަމުގައި ދެކެމެވެ،" ބަޔާނުގައިވެ އެވެ.

ބިދޭސީން މާދަމާ މުޒާހަރާއަށް ތައްޔާރުވަމުން އަންނަކަން އެނގުމާ އެކު އިމިގްރޭޝަނުން ވެސް އިއްޔެ ބުނެފައި ވަނީ އެފަދަ އަމަލެއް ހިންގައިފި ނަމަ، ދެވަނަ ފުރުސަތެއް ދިނުމަކާ ނުލާ އޭނާގެ ވޯކް ވިސާ ބާތިލްކޮށް ފޮނުވާލެވޭނެ ކަމަށެވެ. އަދި އެފަދަ ބިދޭސީއަކަށް ވަޒީފާދޭ މީހާޔާ މެދުވެސް ފިޔަވަޅު އެޅުމުގެ ގޮތުން ބިދޭސީންނާ ގުޅޭ ގޮތުން އިމިގްރޭޝަނުން ދޭ ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.