ލައިފްސްޓައިލް

ގޭގައި ތައްޔާރު ކުރެވިދާނެ ސްކްރަބްތައް

Mar 31, 2017

ހަކުރަކީ ހަމައެކަނި ކާ އެއްޗެހީގެ ފޮނި ހެޔޮވަރުކޮށްދޭ އެއްޗެއް ނޫނެވެ. މިއީ އަހަރެމެންގެ ރީތިވުމުގެ ރޫޓިން ގައި ވެސް ވަރަށް މުހިންމު ހިއްސާއެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ސްކްރަބް ކުރާއިރު މިއީ އެންމެ އާންމުކޮށް އަހަރެމެން އެންމެން ވެސް ބޭނުން ކުރާ އެކައްޗެވެ.

ފާޑުފާޑުގެ ސްކްރަބްތައް ގަތުމުގެ ބަދަލުގައި ގުދުރަތީ އެއްޗެއް ބޭނުން ކޮށްގެން ސްކްރަބް ކުރުމަކީ ހަމަގައިމު ވެސް އަމިއްލައަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. ސަބަބަކީ އެއްވެސް ކެމިކަލްއެއް އެއް ބޭނުން ނުކުރާ ގުދުރަތީ އެއްޗެއް ބޭނުންކޮށްގެން ހަމަށް ފަރުވާ ކުރުމަކީ އެންމެ ފަސޭހަ އަދި ރައްކާތެރި ވެސް ގޮތެވެ.

އަދި މިއީ ޑްރައި އަދި އޮއިލީ ހަމަށް ވެސް ފައިދާ ހުރި ގޮތެވެ. ސަބަބަކީ ގުދުރަތީ އެއްޗެހީގައި ހުންނަ ބައިތަކުގެ ސަބަބުން ހަމުގެ ތެތްކަން ހިފަހައްޓައިދީ ހަން އުޖާލާކޮށް މަރުވެފައި ހުންނަހަން ސާފުކުރުމަށް ވެސް އެންމެ ރަނގަޅު ގޮތެވެ.

ލުނބޯ އަދި ހަކުރު

މިއީ އެންމެ ފަސޭހައިން ތައްޔާރު ކުރެވޭނެ އެއް ސްކްރަބެވެ. ބޭނުންވާނީ ދެ ސަމްސާ ހަކުރު އަދި ހަތަރު ލުނބޯ ފޮޮއްޗެވެ. ކުޑަ ތައްޓަކަށް ހަކުރު އެޅުމަށްފަހު ލުނބޮއާއި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ވަށްބުރު ގޮތަށް މޫނުގައި ރަނގަޅަށް ސްކްރަބް ކޮށްލާށެވެ. މިއީ މޫނުގައި މަރުވެފައި ހުންނަ ހަންތައް ސާފުކޮށްދިނުމުގެ އިތުރުން މޫނުގައި ހުންނަ ލަކުނުތައް ފިލުވަން ވެސް އެހީވެދޭނެ ސްކްރަބް އެކެވެ.

މިލްކީ ސްކްރަބް

ހަތް ސަމްސާ އޮރެންޖް ތެލުގެ ތެރެއަށް ދެ ސަމްސާ ހަކުރު އަދި ދެ ސަމްސާ ކިރު އެއްކުރާށެވެ. އަދި ފަސް ސަމްސާ ޒައިތޫނި ތެޔޮ އެއްކޮށްލާށެވެ. ތައްޔާރު ކުރި ސްކްރަބް މޫނުގައި ރީތިކޮށް އުނގުޅާލާށެވެ. މިއީ މޫނު އުޖާލާ ކަމަށް ދައްކާ އާންމުކޮށް ހަމުގައި ހިފާފައި ހުންނަ ހަޑިތައް ފިލުވާލަދޭނެ މާސްކެކެވެ.

މާމުއި އަދި ހަކުރު

ސްކްރަބް ކުރަން ބޭނުންވާ ވަރަށް މާމުއި އަދި ހަކުރު ވެސް އެއް ވަރަކަށް މިކްސް ކޮށްލާށެވެ. އަދި ރަނގަޅަށް މޫނު ސްކްރަބް ކޮށްލާށެވެ. މާމުއި އަދި ހަކުރު ބޭނުންކޮށްގެން ސްކްރަބް ކުރުމުން މޫނުގައި މަރުވެފައި ހުންނަ ހަންތައް ނައްތާލާ މޫނަށް އުޖާލާކަން ގެނުވަ ދެ އެވެ. މާމުއި އަކީ ހަމުގެ ތެތްކަން ހިފަހަޓައިދޭ އެއްޗެކެވެ.

ޒައިތޫނި ނުވަތަ އަލްމަންޑް ތެޔޮ އަދި ހަކުރު

އެއް ސަމްސާ ޒައިތޫނި ނުވަތަ އަލްމަންޑް ތެޔޮ ހަކުރާއި ރަނގަޅަށް މިކްސް ކޮށްލާށެވެ. މި ސްކްރަބް މޫނުގެ އިތުރުން އުޅަނބޮށި އަދި ކަކުލުގައި ވެސް އުނގުޅާލެވިދާނެ އެވެ. މިއީ އުޅަނބޮށި އަދި ކަކުލުގައި ހުންނަ ކަޅުކަން ފިލުވާލުމަށް ބޭނުން ކުރެވިދާނެ ސްކްރަބް އެކެވެ. މީގެ އިތުރުން ވެސް ވައިޓް ހެޑްސް އާއި ބްލްކެ ހެޑްސް ފިލުވަން ވެސް ބޭނުން ކުރެވިދާނެ އެވެ.

ބީޓް ރޫޓް އަދި ހަކުރު

މިއީ ތުންފަތުގައި މަރުވެފައި ހުންނަ ހަންތައް ސާފުކޮށް ރީތިކޮށްދޭނެ ސްކްރަބް އެކެވެ. ތުންފަތަށް ހާއްސަ މި ސްކްރަބަށް ބޭނުންވާނީ ހަކުރު ސަމްސަލެއްގެ ތެރެއަށް ބީޓް ރޫޓް ޖޫސް ފޮދެއް އެއްކޮށްލުމަށްފަހު އުނގުޅާލާށެވެ.

ޕެޕާމިންޓް އަދި ހަކުރު

މިއީ އާދަޔާ ޚިލާފަށް ކުރަކި ހަމަށް ހާއްސަ ސްކްރަބް އެކެވެ. އެކެއް ނުވަތަ ދެ ސަމްސާ ހަކުރުގެ ތެރެއަށް ތިން ސަމްސާ ކާށިތެޔޮ އަދި ދެ ޑްރޮޕް ޕެޕާމިންޓް ތެޔޮ ފޮދެއް އެއްކޮށްލާށެވެ. ކާށިތެޔޮ އެއްކުރާ އިރު ކުޑަކޮށް ހޫނުކޮށްލަންވާނެ އެވެ. އަދި ވިޓަމިން އީ ތެޔޮ ފޮދެއް ވެސް އެއްކޮށްލާށެވެ.