ހަބަރު

ފިހާރަތަކާއި ކެފޭތައް ބަންދު ކުރަން ޖެހޭ ގަޑި އަވަސްކޮށްފި

Mar 26, 2015
1

ކުށްމަދުކުރުމުގެ ގޮތުން މިރެއިން ފިހާރަތައް ރޭގަނޑު 10:00 ގައި ބަންދުކޮށް، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ދަންވަރު 12:00 ގައި ބަންދު ކުރަން ޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީ އިން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީ އިން ބުނި ގޮތުގައި އެ ގޮތަށް ހަމަޖެއްސީ މާލެ ތެރޭގެ މިހާރުގެ ހާލަތައް ބަލައި ކުށްކުރުން މަދުކުރުމުގެ ގޮތުންނެވެ. އަދި އެ ބަދަލު ގެނައީ ކިހާ މުއްދަތަކަށް ކަމެއް މިނިސްޓްރީ އިން ނުބުނެ އެވެ. މިނިސްޓްރީ އިން ބުނީ އެހެން ގޮތެއް އަންގަންދެން އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިމްޕޯޓްތަކެތި ވިއްކުމާ ގުޅޭ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ ގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅާނެ އެވެ.

މިހާރު ފިހާރަތައް ބަންދު ކުރަނީ ރޭގަނޑު 11:00 ގަ އެވެ. އަދި ކެފޭތައް ބަންދު ކުރަނީ ދަންވަރު 1:00ގަ އެވެ.

ކުށްކުރުން ގިނަވުމުގެ ސަބަބުން ފިހާރަތަކާއި ކެފޭތަކުން 24 ގަޑިއިރު ހިދުމަތް ދިނުން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މަނާކުރި އެވެ. ކެފޭތަކާއި ފިހާރަތައް 24 ގަޑިއިރު ހުޅުވުމުގެ ފުރުސަތު ދިނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.