ހަބަރު

މުޒާހަރާއާ ގުޅިގެން މަޖިލިސް ދެ މެންބަރަކާއި 93 މީހަކަށް ދައުވާކުރަން ފޮނުވައިފި

Mar 26, 2015
1

މާލެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ގާނޫނާއި ހިލާފު އަމަލުތައް ހިންގާފައި ވާތީ، މަޖިލީހުގެ ދެ މެންބަރަކާއި 100 އާ ގާތްކުރާ އަދަދެއްގެ އާންމުންގެ މައްޗަށް ދައުވާ ކުރަން، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

މުޒާހަރާތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް، އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސްގައި ފުލުހުންގެ ސްޕްރިޓެންޑެންޓް އަބްދުﷲ ނަވާޒު ވިދާޅުވީ މުޒާހަރާތަކުގައި 162 މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން 95 މީހެއްގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ ދެ މެންބަރަކު ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުވާ ކުރަން ފޮނުވާފައި 26 އަންހެނުންނަށާއި 69 ފިރިހެނުންގެ މައްޗަށެވެ.

އިތުރު ތަފްސީލް ދެއްވަމުން ނަވާޒު ވިދާޅުވީ 18 އަހަރު ނުވާ ފަސް ކުއްޖަކު ވެސް މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާޔަށް ނުދިޔުމަށް 64 މީހެއްގެ މައްޗަށް ޝަރުތުކޮށް ކޯޓުން ދޫކޮށްލި އިރު، އޭގެތެރެއިން ދެ މީހަކު އަލުން މުޒާހަރާތަކުގައި ބައިވެރިވާތީ ވަނީ ހައްޔަރުކޮށްފަ އެވެ.

މުޒާހަރާތަކުގައި ޖުމްލަ 162 މީހަކު ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ ދޫވެސްކޮށްލާފަ އެވެ.

ނަވާޒް ވިދާޅުވީ މިހާރު ކުރިއަށް ދާ މުޒާހަރާތަކުގައި އަނިޔާވެރިކަމަށް ގޮވާލައި ފުލުހުންނަށް އެކި ޒާތުގެ އެއްޗިހިން ހަމަލާދީ ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަދެ ގަނެ، ފުލުހުންގެ ސަފުތައް ފޫއަޅުވާލަން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ބައެއް އާންމުންގެ މުދަލަށާއި ދައުލަތުގެ ތަންތަނަށް ވެސް ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިފަދަ އަމަލުތައް ހިންގާ ނަމަ މިއީ އެއްވެއުޅުމާ ބެހޭ ގާނޫނުގެ ދަށުން ބޭއްވޭ އެއްވުންތަކަކަށް ނުވާނެ. އެފަދަ އެއްވުންތަކާ މެދު އަޅުގަނޑުމެން ހިތާމަ ކުރަން. އަދި އެ ކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ،" ނަވާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވުންތައް ބާއްވާ ނަމަ އެކަން ކުރަންވާނީ ދުރާލައި އެންގުމަށް ފަހު ސުލްހަވެރިކޮށް ކަމަށެވެ. އަދި ވަނުން މަނާ ސަރަހައްދުތަކާއި މުޒާހަރާ ކުރުން މަނާ ވަގުތުތަކުގައި މުޒާހަރާކޮށް މުޖުތަމައުގެ އަމަންއަމާންކަން ނަގާލާ ނަމަ އެ އެއްވުމެއް އިންޒާރެއް ނެތި ފުލުހުން ރޫޅާލާނެ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.