ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުޅުވައި ހިންގަމުން އަންނަ އޮފީސް ހިންގުން ހުއްޓުވަން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. -- މީގެ ދެދުވަސް ކުރިން މައުމޫން ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.
ފުލުހުންގެ މައްޗަށް ދަށު ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ހ. ތެމާގައި މައުމޫން ހިންގަވާ އޮފީހަކީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލު ކުރުމަށް ކޮށްފައިވާ ހުކުމްގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ހިންގަމުންދާ އޮފީހެއް ކަމަށެވެ. އެހެންކަމުން އެ އޮފީހާއި އޮފީހުގެ ހަރަކާތްތައް ހުއްޓުވުމަށް އަމަރުކުރާ ކަމަށެވެ.
"... ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށް އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވައި އެއްވެސް ހަރަކާތެއް ހިންގާ ހަދާނަމަ އެކަމެއް ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ އޮފީސްގެ ނަމުގައި ހ. ތެމާގައި ހަދާފައިވާ އޮފީސް ހިންގުން ހުއްޓުވުމަށާއި އެތަނުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އެތަނުން ނަގާ އެތަނުގައި އެފަދަ ހަރަކާތެއް ހިންގިޔަ ނުދިނުމަށްމޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަންގައި އަމުރުކޮށްފިން،" ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެ އެވެ.
ތެމާގައި ކުރިން ހިންގަމުން އައީ ޕީޕީއެމްގެ މައި އޮފީހެވެ. ނަމަވެސް ޕާޓީގައި ދެ ބަސްވުން އުފެދުނު ހިސާބުން އެތަނުގައި ހިންގި ޕީޕީއެމްގެ އޮފީސް ވަނީ ހުއްޓުމަަކަށް އައިސްފަ އެވެ. އަދި އެ އޮފީހުގައި ހުރި ހުރިހާ ތަކެއްޗެއް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ދަރުބާރުގޭގައި ގާއިމުކުރި ވަގުތީ އޮފީހަށް ބަދަލުކޮށްފަ އެވެ.
މިހާރު ޕީޕީއެމްގެ އާ އޮފީހެއް ހުޅުވާފައިވާއިރު ހ. ތެމާގައި އޮފީސް ހުޅުވީ، ރައީސް މައުމޫންގެ އޮފީހެއްގެ ގޮތުގަ އެވެ. ނަމަވެސް ވަރަށް ފަހުން އެ އޮފީހުގައި ނަގާފައިހުރި ދިވެހި ދިދަ ވެސް ފުލުހުން ވަނީ ބާލާފަ އެވެ. އަދި ރައީސް މައުމޫން ވަނީ ޕީޕީއެމްއިން ވެސް ވަކިކޮށްފަ އެވެ.