ބޮލީވުޑް

ސަލްމާންގެ އާއިލާ ރާއްޖޭގެ ޖާދޫގައި ޖެހިއްޖެ

Mar 31, 2017
2

ސަލްމާން ހާންގެ އާއިލާގެ ގިނަ މެންބަރުންތަކެއް މިހާރު ތިބީ ރާއްޖޭގަ އެވެ. އަމިއްލަފުށީގައި އެ އާއިލާ ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އެ އާއިލާ ރާއްޖެ އައީ ސަލްމާނަށް ބޮޑުބޭބެ ކިޔާ އާހިލް ޝަރްމާއަށް އެއް އަހަރުފުރޭ އުފަން ދުވަސް ފާހަގަ ކުރާށެވެ. އާއިހިލް އަކީ ސަލްމާން ހާންގެ އަންހެން ކޮއްކޮ، އަރުޕިތާ ހާންގެ ފުރަތަމަ ދަރިފުޅުވެ.

އަރްޕިތާ ވަނީ އެ އާއިލާ އެންމެ ރާއްޖެ އައިސްނަގާފައިވާ ފޮޓޯ އެއް އިންސްގްރާމް ކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ އެއާޕޯޓުގައި މޯލްޑިވިއަން ފްލައިޓެއް ކައިރީ އެ އާއިލާގެ ގިނަ ބަޔަކު މަޑުކޮށްގެން ތިބޭ މަންޒަރެވެ. އެގޭ ތެރޭގައި އަރްބާޒް ހާނާއި މަލައިކާ އަރޯރާގެ އިތުރުން އަމްރިތާ އަރޯރާ އަދި ސަލްމާ އާއި ހެލެން ހިމެނެ އެވެ.

އޮސްޓްރިއާގައި ޝޫޓު ކުރަމުން އަންނަ ޓައިގާ ޒިންދާ ހޭ ފިލްމުގެ މަސައްކަތުގައި އުޅެމުން ވެސް ސަލްމާން ވަނީ އާހިލްގެ އުފަން ދުވަހުގައި ބައިވެރިވާން ރާއްޖެ އައިސްފަ އެވެ. އަދި އެކުގައި އޭނާގެ ލޯބިވެރިޔާ ލޫލިއާ ވަންތުރު ވެސް އައިސްފައިވެ އެވެ.

ސަލްމާންގެ އާއިލާގައި ގިނަ މަޝްހޫރު ތަރިންތަކެއް ހިމެނޭއިރު އެ ތަރިންގެ ޗުއްޓީގެ ސަބަބުން އިންޑިއާގެ ބޮލީވުޑްގެ ނޫސްތަކުގެ ސަމާލު ކަމަަށް ރާއްޖެ ވަނީ ވަރަށް ބޮޑަށް އައިސްފަ އެވެ. އެ ނޫސްތަކުގެ ފަލަ ސުރުހީތަކުން މިހާރު މުޅިން ވެސް ފެންނަނީ ރާއްޖޭގެ ނަމެވެ.

ރާއްޖޭގެ ބޮލީވުޑް ނޫސްތަކުގެ ސަމާލުކަން ވަރަށް ބޮޑަށް އައިސްފައިވަނީ ސަލްމާންގެ އާއިލާއިން އިންސްޓާގްރާމް ކުރަމުންދާ ފޮޓޯތަކުގެ ވެސް ސަބަބުންނެވެ. މަލައިކާ، އަމްރިތާ އަދި އަރްޕިތާ ވަނީ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން އެމީހުން ތިބީ ވަރަށް ހިތްހަމަޖެހިފައިކަން އެނގެ އެވެ. އަދި ރާއްޖޭގެ ހިތްފަސޭހަކަމުގެ އަވާގައި ޖެހިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ސަލްމާންގެ ކޮއްކޮ އަރްބާޒް ވެސް ވަނީ އިންސްޓަގްރާމްގައި ފޮޓޯތައް ހިއްސާކޮށްފަ އެވެ.

އަރްބާޒާއި މަލައިކާ އެކުގައި ރާއްޖެ އައިސްފައިމިވަނީ އެ ދެ ތަރިންގެ ގިނަ އަހަރުތަކެއްވީ ކައިވެނި ރޫޅާލުމަށް މައްސަލަ ކޯޓަށް ވައްދާފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެކުގައި ޗުއްޓީ ހޭދަކުރުމަށް ދެ ތަރިން އާއިލާއާއެކު ރާއްޖެ އައުމުން ވަރިވުމުގެ ހިޔާލު ދެ ތަރިން ވެސް ދޫކޮށްލާފައިވާކަން ހާމަވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

މިހާތަނަށް ސަލްމާން ރާއްޖޭގައި ހުއްޓާ ނަގާފައިވާ އެއްވެސް ފޮޓޯއެއް އާންމުވެފައެއް ނުވެ އެވެ. ހަބަރުތައް ބުނާ ގޮތުގައި މި ޗުއްޓީއަކީ އޭނާގެ ލޯބިވެރިޔާއާއެކު ހޭދަކުރާ ޗުއްޓީއެއް ކަމުން ސަލްމާން ވަނީ އޭނާގެ ޗުއްޓީ ވީހާވެސް ސިއްރުކޮށްފައި ބޭއްވުމަށް ނިންމާފަ އެވެ. އާއިލާގެ އެހެން މެންބަރަކު ވެސް ސަލްމާންގެ ފޮޓޯއެއް އާންމެއް ނުކުރެ އެވެ. ނަމަވެސް ސަލްމާންގެ އާއިލާ ރާއްޖެ އައިސް ނަގާފައިވާ ފުރަތަމަ ފޮޓޯގައި ސަލްމާންގެ ލޯބިވެރިޔާ ހުއްޓާ ފެނެ އެވެ.

ކެޓްރީނާ ކައިފްއާއެކު މިހާރު ސަލްމާން ފިލްމެއްގެ ޝޫޓިން ކުރަމުންދާއިރު އެކަމުގެ ސަބަބުން ސަލްމާނާއި ލޫލިއާއާ ދެމެދު މައްސަލަތަކެއް ޖެހި ގުޅުން ނިންމާލަން އުޅޭ ކަމުގެ ހަބަރުތައް ވެސް މީގެކުރިން ފެތުރުނެވެ. ނަމަވެސް ލޫލިއާ ސަލްމާންގެ އާއިލާއާއެކު ރާއްޖެ އައުމުން އެ ވާހަކަތައް ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި ސަލްމާނާއި ލޫލިއާގެ ކައިވެނި ވަރަށް އަވަހަށް ކޮށްފާނެ ކަމުގެ އަޑުތައް ވަނީ ގަދަވާން ފަށާފަ އެވެ.