ފިނިޕޭޖް

ހީލާ ހަދަން: އުފާވެރި ލަވައެއް ފްލައިޓެއްގެ ތެރޭގައި!

މި މަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީ، "މީ ލޯތްބަކީ" ގެ ލަވައެއް ލޯންޗުކޮށްފި އެވެ. "ހީލާހަދަން" މި ލަވައަކީ "މީ ލޯތްބަކީ" ގެ ދެވަނަ ޕްރޮމޯޝަނަލް ލަވަ އެވެ.

މި ލަވައަކީ މަޝްހޫރު ބޭންޑް، ޑިޓިއުންގެ ލަވައެކެވެ. ލަވަ ކިޔާފައިވާ ޑިޓިއުން ބޭންޑްގެ ލީޑް ވޯކަލިސްޓް ފާތިމަތު ފެޒްލީން (ފެޒޫ) އެވެ.

"ހީލާހަދަން" އަކީ ރާއްޖޭގައި ފްލައިޓެއްގެ ތެރޭގައި ޝޫޓްކުރި ފުރަތަމަ ވީޑިއޯ ލަވަ އެވެ. ލަވަ ޝޫޓް ކޮށްފައިވަނީ މެގަ މޯލްޑިވްސްގެ ފްލައިޓެއްގެ ތެރޭގަ އެވެ. ވަރަށް މަޖާ އަދި އުފާވެރި މަންޒަރުތަކެއް މި ލަވައިން ފެނެ އެވެ. ލަވައަކީ އުފާވެރި އިހުސާސެއް ކުރުވާ ލަވައެއް ކަމުން އެކަން ލަވައިގެ ވީޑިއޯއިން ވަރަށް ފުރިހަމައަށް ވަނީ ދައްކާލާފަ އެވެ.

މި ލަވައިގެ ފިލްމްގައި ފެނިގެންދާ ގިނަ ތަރިން ފެނިގެންދާއިރު ލަވަ ޝޫޓްކޮށްފައިވަނީ މުޅިއަކު 60 އަށްވުރެ ގިނަ މީހުން ހިމަނައިގެންނެވެ.

މި މަހުގެ ފަސްވަނަ ދުވަހު އަޅުވާ "މީ ލޯތްބަކީ" ގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ "މިއީ ލޯތްބަކީ" ގެ ލީޑް ރޯލުން ފެނިގެން ދާނީ މަރިޔަމް އައްޒަ (އައްޒަ) އާއި ޖުމައްޔަލް ނިމާލެވެ. އޭގެ އިތުރުން މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އަލީ ޝަޒްލީމް، އަހުމަދު ސުނީ، ހަމްދާން ފާރޫގުފަދަ ތަރިން ވެސް ފެނިގެންދާނެ އެވެ. އަދި މޯލްޑިވިއަން އައިޑޮލުން މަޝްހޫރުވެގެން ދިޔަ އިބްރާހިމް އަމާން ވެސް ފިލްމުން ފެނިގެންދާނެ އެވެ.

ރޮމޭންޓިކް ކޮމެޑީ ފިލްމުތައް އުފެއްދުމުގެ ރޭހުގެ ކުރީގައި އުޅޭ ޑާކް ރެއިން އެންޓަޓެއިންމަންޓުން އެމީހުންގެ އާ، ރޮމޭންޓިކް ކޮމެޑީ ފިލްމު ނެރުމުގެ ފަހުގެ ތައްޔާރީތައްވަމުންދާއިރު މި ފިލްމުގެ ޓްރެއިލާއަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.