ބޮލީވުޑް

ސަލްމާނާއި ލުލިއާ ރުޅި ނުވާކަން ހާމަވީ ރާއްޖޭގެ ގޮނޑުދޮށުން!

Apr 1, 2017
1

މި ދުވަސްވަރަކީ ބޮލީވުޑްގެ ހަބަރުތައް ކަވާކުރާ އިންޑިއާގެ ނޫސްތަކުގެ ސަމާލު ކަމަށް ރާއްޖެ ވަރަށް ބޮޑަށް އައިސްފައިވާ ދުވަސްވަރެކެވެ. އޭގެ ސަބަބަކީ އަމިއްލަފުށީ ރިސޯޓަށް ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ ހާން އާއިލާ ޗުއްޓީ ހޭދަކުރަމުންދާތީ އެވެ.

ހާން އާއިލާގެ ވަރަށް ގިނަ މެންބަރުން މިހާރު ތިބީ އަމިއްލަފުށީގަ އެވެ. އެގޭ ތެރޭގައި އަރްބާޒް ހާނާއި މަލައިކާ އަރޯރާ އާއި އަމްރިތާ އަރޯރާ ސުހެއިލް ހާން އަދި ސަލްމާ އާއި ކުރީގެ މަޝްހޫރު އެކްޓްރެސް ހެލެން ހިމެނެ އެވެ. ހާން އާއިލާގައި ހިމެނޭ މި ހުރިހާ ތަރިން ވެސް ގެންދަނީ ރާއްޖޭގެ ހިތްގައިމުކަން ހާމަކޮށްދީ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.

ހުރިހާ ތަރިންގެ ތެރެއިން ވެސް އެންމެ ބޮޑު ސާމަލުކަމެއް ލިބިފައިވަނީ ސަލްމާން ހާނަށެވެ. ސަލްމާން ރާއްޖެ އައިސްފައިވަނީ އާއިލާއާ އެއްކޮށެއް ނޫނެވެ. އާއިލާ މެންބަރުންނަށްވުރެ ފަހުން ރާއްޖެ އައިސް މިހާރު ސަލްމާން ވެސް ގެންދަނީ އަމިއްލަފުށީގައި އާއިލީ ޗުއްޓީ ހޭދަކުރަމުންނެވެ.

ސަލްމާން ރާއްޖެ އައީ އޮސްޓްރިއާގައި ޝޫޓު ކުރަމުން އަންނަ "ޓައިގާ ޒިންދާ ހޭ" ފިލްމުގެ ޝޫޓިން މެދުކަނޑާލުމަށްފަހު އެވެ. އެ ފިލްމަކީ ސަލްމާން، ކެޓްރީނާ ކައިފް އާއެކު ފެނިގެންދާ ފިލްމެކެވެ. ކެޓްރީނާއަކީ ސަލްމާން ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރިއެކެވެ.

ކެޓްރީނާއާއެކު ފިލްމެއްގެ މަސައްކަތް ސަލްމާން ކުރަމުންދާއިރު ރަންބީރު ކަޕޫރާ ރުޅިވެ ކެޓްރީނާ މިހާރު ހުރީ ހުސްކޮށެވެ. އެހެންކަމުން ސަލްމާން އަނެއްކާވެސް ކެޓްރީނާއާ ގާތްވެ، ގުޅުން ބަދަހިވެފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ސަލްމާންގެ ވަރަށް ސީރިއަސް ލޯބިވެރިއެއް ހުންނަ ކަމަށް ހަބަރުތައް ފެތުރިފައިވާތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ. އެއީ ލޫލިއާ ވަންތުރެވެ.

ކެޓްރީނާގެ ސަބަބުން ލޫލިއާ އާއި ސަލްމާންއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ވެސް އަޑުތައް އޮތީ ފެތުރިފަ އެވެ. ނަމަވެސް ލޫލިއާ ވަނީ ސަލްމާންގެ އާއިލާއާއެކު ރާއްޖެ އައިސްފަ އެވެ. އެ އާއިލާގެ މެންބަރުންނާއެކު ލޫލިއާ ވަރަށް ގިނައިން ފެނެ އެވެ.

ލޫލިއާ ވެސް އަމިއްލަފުށީގައި ޗުއްޓީ ހޭދަކުރަމުން ދާއިރު ސަލްމާންގެ އާއިލާ މެންބަރަކު އާންމުކުރި ފޮޓޯއެއްގައި ސަލްމާނާއި ލޫލިއާ އެކުގައި ތިއްބާ ފެނެ އެވެ. އެ ފޮޓޯއަކީ އަމިއްލަފުށީ ގޮނޑުދޮށުގައި ތިބެ ސަލްމާނާއި ލޫލިއާގެ އިތުރުން ސަލްމާންގެ ތިން ކޮއްކޮ އަރުބާޒާއި ސުހެއިލާއި އަރްޕިތާ އަދި އަރްޕިތާ ފިރިމީހާ އާއި ސަލްމާންގެ ދައްތަ އަދި ޅިއަންބެއާއެކު ނަގާފައިވާ ގުރޫޕްގެ ފޮޓޯއެކެވެ.

އެ ފޮޓޯގައި ސަލްމާނާއި ލޫލިއާ އެކުގައި ތިބުމަކީ އެ ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ބޮލީވުޑްގެ ހަބަރުތައް ދަނީ ބުނަމުންނެވެ. އަދި އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަތަކަށް އިތުރަށް ވަރުގަދަވެގެން ދިޔަ ކަމެއް ކަމަށެވެ.

ސަލްމާންގެ އާއިލާ ރާއްޖެ އައީ ސަލްމާނަށް ބޮޑުބޭބެ ކިޔާ އާހިލް ޝަރްމާއަށް އެއް އަހަރުފުރޭ އުފަން ދުވަސް ފާހަގަ ކުރާށެވެ. އާހިލް އަކީ ސަލްމާން ހާންގެ އަންހެން ކޮއްކޮ، އަރުޕިތާ ހާންގެ ފުރަތަމަ ދަރިފުޅުވެ.