ހަބަރު

މެންބަރު ކުންފުނިތަކުގެ ބިދޭސީން މުޒާހަރާގައި ބައިވެރި ނުވަން މަސީން އަންގައިފި

Mar 26, 2015

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މާދަމާ މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައި ވާތީ، އެ މުޒާހަރާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ މެންބަރު ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން ބައިވެރިނުވުމަށް އަންގައިފި އެވެ.

ބަންގްލަދޭޝް މީހަކު މަރާލައި އިތުރު ބަޔަކަށް ހަމަލާ ދިނުމާ ގުޅިގެން މާދަމާ ބިދޭސީން މުޒާހަރާ ކުރާނެ ކަމުގެ އަޑާ އެކު، އެފަދަ މުޒާހަރާ އަކީ ބިދޭސީންގެ ވާކް ވިސާއާ ހިލާފު އަމަލެއް ކަމަށާއި އެ މުޒާހަރާގައި ބައިވެރިވާ ބިދޭސީންގެ ވާކް ޕާމިޓް ކެންސަލް ކުރާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފަ އެވެ. ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލްކުރާ މަސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ބިދޭސީން މުޒާހަރާގައި ބައިވެރިވެއްޖެ ނަމަ، ކޮންސްޓްރަކްޝަން މަސައްކަތަށް ކޯޓާ ހޯދުން ފަދަ ކަންކަމަށް އިތުރަށް ދަތިވެގެން ހިނގައިދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޑަސްޓްރީ އަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެފައިވެ އެވެ.

"މިފަދަ ކަންކަމުގައި ބައިވެރި ނުވުމަށް މަސީގެ މެންބަރު ކުންފުނިތަކުގެ ބެލުމުގެ ދަށުގައިވާ ބިދޭސީ މަސައްކަތްރިންނަށް އެންގެވުމަށާއި މަސައްކަތްތެރިންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން އެދެވޭ ގޮތެއްގައި ބޭނުންކުރުމަށާއި އަދި މަސައްކަތް ނިމުމަށް ފަހު ރޭގަނޑު ލިބޭ ހުސް ވަގުތުގައި ކަމެއް ނެތި މި ދުވަސްކޮޅު މަގުމަތީ ނުއުޅުމަށް ނަސޭހަތްތެރިވުމަށް" ވެސް މަސީން ކުންފުނިތަކަށް ފޮނުވި ސާކިއުލާގައިވެ އެވެ.

މަސީން ވަނީ އެ ޖަމިއްޔާގެ މެންބަރު ކުންފުނިތަކުގެ ބެލުމުގެ ދަށުގައިވާ ލޭބާ ކުއާޓާތަކާއި ސައިޓްތަކާއި މަސައްކަތު މީހުންގެ ރައްކާތެރިކަމަށް އިތުރު ފިޔަަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.