ދުނިޔެ

ނޫސްވެރިން ސުވާލުތަކާއެކު ޓްރަމްޕް ފިއްލަވައިފި!

Apr 2, 2017

ރިޔާސީ ދެ ގަރާރެއްގައި ސޮއި ކުރެއްވުމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ އޯވަލް އޮފީހުގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެެއްގައި ނޫސްވެރިން ސުވާލުތައް ކުރަން ފެށުމުން ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ގަރާރުތަކުގައި ސޮއިނުކުރައްވައި ނުކުމެވަަޑައިގެންފި އެވެ.

ޔޫއެސްއޭ ޓްޑޭ ނޫހުން ބުނީ ގަރާރުތަކުގައި ސޮއިނުކުރައްވައި ޓްރަމްޕް ނުކުމެވަޑައިގެންނެވީ އޭނާގެ ކެމްޕޭންޓީމާ ރަޝިޔާއާ ގުޅުމެއް އޮތްތޯ ބަލަން ކުރާ ތަހުގީގަށް މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކުރީގެ އެޑްވައިޒަރު މައިކަލް ފްލިންއާ ބެހޭ ގޮތުން ސުވާލުކުރަން ފެށުމުން ކަމަށެވެ.

ގަރާރުތަކުގައި ސޮއިނުކުރައްވާ ރަސްމިއްޔާތު ދޫކުރައްވައި ޓްރަމްޕް ވަޑައިގަންނަވަން ފެށުމުން ނޫސްވެރިންގެ އިތުރުން އޭނާގެ އަރިސް ބޭފުޅުންނަށް ވެސް ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށް އެނޫހުން ސިފަކޮށްފައި ވެއެވެ. ޓްރަމްޕް ނުކުމެވަޑައިގެންނެވުމުން ގަރާތު ލާފައި މޭޒުކޮޅުމަތީގައި ބާއްވާފައި އޮތް ދެ ފޯލްޑަރު ނެންގެވީ ނައިބު ރައީސް މައިކް ޕެންސް އެވެ. އެ ދެފޯލްޑާ ނަންގަވައިގެން ޕެންސް ވެސް ރަސްމިއްޔާތު ދޫކުރައްވައި ވަޑައިގެނެނެވީ އެއްޗެއް ވިދާޅުނުވެއެވެ.

ސީއެންއެން ބުނީ ދެ ގަރާރުގައި ޓްރަމްޕް ސޮއިކުރެއްވީ ވައިޓްހައުސްގެ އެހެން ކޮޓަރިއެއްގައި ނޫސްްވެރިން ނުވައްދައި ކަމަށް ސީއެންއެން ބުންޏެވެ. ޓްރަމްޕް ސޮއިކުރެއްވި އެއް ގަރާރަކީ ވިޔަފާރީގައި މަކަރުހަދާ ފާނެ ކުންފުނިތައް ދެނެގަތުމަށް 90 ދުވަހުގެ ތެރޭގައި ދިރާސާއެއް ކުރުމަށް އަމުރުކުރައްވާފައިވާ ގަރާރެކެވެ. އަދި އަނެއް ގަރާރަކީ ވާދަނުކުރެވޭ ވަރުގެ އަގުތަކެއްގައި ބޭރުގެ ކުންފުނިތަކުން އެމެރިކާގައި އުފެއްދުންތައް ވިއްކުން ހުއްޓުވުމަށް ހުރި ގާނޫނުތައް މިހާރަށް ވުރެ ވަރުގަދައަށް ތަންފީޒުކުރުމަށް އަމުރުކުރައްވާފައިވާ ގަރާރެކެވެ.