ދުނިޔެ

ޣައްޒާގައި ހުރި ކަށްވަޅުތަކުގެ މިނިވަން ތަހުގީގަކަށް އިޒުރޭލު ދެކޮޅުހަދަނީ

ޣައްޒާގެ އެކި ސަރަހައްދުތަކުން ފެނިފައި ހުރި ބިޔަ ކަށްވަޅުތަކުގެ ހަގީގަތް ދެނެގަތުމަށް މިނިވަން ތަހުގީގަކަށް ޔޫރަޕިއަން ޔޫނިއަނާއި އދ އިން ގޮވާލުމުން އިޒުރޭލުން ދެކޮޅު ހަދައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާގެ ހޮސްޕިޓާތަކުގެ ގޯތިތެރޭގައި ބިޔަ ކަށްވަޅުތަކުގައި ޔަހޫދީން ވަނީ ފަލަސްތީންގެ އެތައް ބަޔަކު މަރައި ވަޅުލާފަ އެވެ.

މި ކަށްވަޅުތައް ފެނިފައި ވަނީ އިޒުރޭލު ސިފައިން ހޮސްޕިޓަލުތަކަށް ވަދެގަތުމަށް ފަހު، ދުވަސްތަކެއް ފަހުން އެ ސަރަހައްދު ދޫކޮށް ދިއުމުން ނެވެ.

ފަލަސްތީންގެ ސިވިލް ޑިފެންސުން ބުނި ގޮތުން ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ ގޯތިތެރޭގައި ބިޔަ ކަށްވަޅެއްގައި 283 މީހަކު ވަޅުލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ.

މި ކަށްވަޅުގައި ބައެއް ހަށިތައް ވަޅުލާފައި ވަނީ ފަހަތަށް ބިޑިއަޅުވައި، ބޮލަށް ބަޑިޖަހައިގެންނެވެ. ބައެއް ހަށިތަކުގައި ރަބަރު އޮޅައި ނޭވާނުލެވޭ ވަރުކޮށްފައި ހުރި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ނާސިރު ހޮސްޕިޓަލުން ފެނުނު ކަށްވަޅާ ބެހޭ ގޮތުން އިޒުރޭލު އަސްކަރިއްޔާގެ ތަރުޖަމާން ނަދާވް ޝޮޝާނީއާ ސުވާލުކުރުމުން ވިދާޅުވީ އިޒުރޭލު ސިފައިންނަކީ މީހުން ދިރިތިއްބާ ވަޅުލާ ބައެއް ނޫން ކަމަށެވެ.

އެއީ އިޒުރޭލު ސިފައިން ހޮސްޕިޓަލަށް ވަދެގަތުމުގެ ކުރިން ނެތް ކަށްވަޅުތަކެއް ކަމަށް ރިޕޯޓްތައް ބުނާ ކަމަށް ދެންނެވުމުން ތަރުޖަމާން ވިދާޅުވީ ތިޔަ ބުނާ ރިޕޯޓެއް އަސްކަރިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އޭގެ އިތުރަށް ހޯދާނެ ކަމެއް -- އެއީ އިޒުރޭލުން ކުރި ކަމެއް ކަމަށް ދައްކާނެ ހެއްކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ ބުނާ ގޮތުން އިޒުރޭލުގެ މި ބުނުމަކީ ނުރައްކާތެރި ބުނުމެކެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކުން ކޮންމެ އެއްޗެއް ބުނި ނަމަވެސް، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ މިނިވަން ތަހުގީގަކަށް އެމެރިކާ ވެސް ބާރުއަޅުއްވާނެ ކަމަށެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ވިދާޅުވި ގޮތުގައި އިޒުރޭލުގެ ބައިވެެރިވުމެއް ނެތް މިނިވަން ތަހުގީގަކުން ކަށްވަޅުތަކުގެ ހަގީގަތް ހޯދަން ޖެހޭނެ އެވެ.