ރާއްޖެ ކުޅިވަރު

ޕޮޕޯފްގެ ފުރަތަމަ މެޗުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ބަލްގޭރިއާގެ ކޯޗު ވެލީޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ތަޖިކިސްތާން އަތުން 2-0 އިން އަމިއްލަ ދަނޑުގައި މިރޭ ބަލިވެއްޖެ އެވެ.

ފީފާ އިން ބަލައިގަންނަ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ 20 ވަނަ މިނިޓުގައި ތަޖިިކިސްތާން އިން ލީޑު ނެގީ ފަތުހުﷲ ފަތުލޮއޭފް ޖެހި ލަނޑުންނެވެ. ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކަކުން ތަނަވަސްވި ފުރަސަތުގައި ތަޖިކިސްތާންގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ ފަތުހުﷲ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

އަނިޔާގެ މައްސަލައަކާ ގުޅިގެން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުލައި ކުޅެމުންދިޔަ ރާއްޖެ އަށް ތަޖިކިސްތާން އިން ލީޑު ނެގުމުގެ ކުރިން ރަނގަޅު ފުރުސަތެއް ލިބުނެވެ. އަސަދުﷲ އަބްދުﷲ ޕެނަލްޓީ އޭރިޔާ ތެރެއިން ހުރަސްކޮށްލި ބޯޅަ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ތަޖިކިސްތާންގެ ގޯލްކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން އަސަދުﷲ ތިރިތިރިން ފޮނުވާލި ޝޮޓް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީ އުންމީދުކުރި ވަރުގެ ކުޅުމެއް ނޫނެވެ. މެދުތެރެއިން ގިނަ ބޯޅަތަކެއް ގެއްލުވާލައި، ހަމަލާ އުފެއްދުމަށް ލިބުނު ފުރުސަތުތައް ރާއްޖޭގެ ޓީމުން ވަނީ ބޭކާރުކޮށްލައިފަ އެވެ.

ދެވަނަ ހާފަށް ރާއްޖޭގެ ޓީމު ނިކުތްއިރު، މުހައްމަދު އުމެއިރުގެ ބަދަލުގައި އަހުމަދު ނާޝިދު (ނާއްޓޭ) ކުޅެން އެރި ނަމަވެސް، ކުޅުމަށް މާބޮޑު ބަދަލެއް ނާދެ އެވެ.

ތަޖިކިސްތާންގެ ދެވަނަ ލަނޑު 61 ވަނަ މިނިޓުގައި ޖެހީ ހަސަން ރުސްޓަމޯފް އެވެ. ކައުންޓާ އެޓޭކެއްގައި އުފެއްދި ފުރުސަތެއްގެ ހަސަން ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މިއީ ނިއު ރޭޑިއަންޓަށް 2013 ވަނަ އަހަރު ބޮޑު ކާމިޔާބެއް ހޯދައިދިން ޕޮޕޯފް ގައުމީ ޓީމުގެ ކޯޗުކަމުގައި ނިކުތް ފުރަަތަމަ މެޗުން އުންމީދުކުރި ނަތީޖާއެއް ނޫނެވެ.

މެޗަށް ފަހު ޕޮޕޯފް ބުނީ ކުރިން ވެސް ލަފާކުރި ގޮތަށް އެންމެ ބޮޑު މައްސަލައަކަށްވީ ކުޅުންތެރިންގެ ފިޓްނަސް އެވެ. ކުޅުންތެރިން ފިޓްނަސްއާ މެދު ކަންބޮޑުވާކަން މެޗުގެ ކުރިން ވެސް ޕޮޕޯފް ވަނީ ފާހަގަކޮށްފަ އެވެ.

"މެޗުގެ ކުރިން ވެސް އަހަރެން ލަފާކުރި ގޮތަށް ފިޓްނަސްގެ މައްސަލަ ވަރަށް ބޮޑަށް ފެނުނު. އެކަމަކު އެއީ ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރެވޭނެ ކަމެއް ނޫން. ސީޒަން ފެށިގެން، (ޖޫން މަހު އޮންނަ) ވޯލްޑް ކަޕް ކޮޮލިފައިން އަށް ކުރިމަތިލާންވާއިރަށް އެކަންތައް ހައްލުވާނެ،" ޕޮޕޯފް ބުންޏެވެ. "މި ލެވެލްގައި ފިޓްނަސް ހުރެގެން ތަޖިކިސްތާން ކަހަލަ ޓީމުތަކާ ރަނގަޅު ވާދައެއް ނުކުރެވޭނެ. އެކަމަކު ކުޅުންތެރިންގެ މަސައްކަތާމެދު ޝަކުވާއެއް ނެތް. ކޮންމެ ކުޅުންތެރިއެއް ވެސް ވީ އެންމެެ ރަނގަޅަކަށް މަސައްކަތްކުރި."