ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އޯގަސްޓްގައި

ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް ގުޅިގެން އުފައްދާފައިވާ "ޓްރީ ޓޮޕް އިންވެސްޓްމަންޓުން" ހުޅުމާލޭގައި ތަރައްގީކުރާ ޓްރީ ޓޮޕް ހޮސްޕިޓަލު ހުޅުވާނީ މި އަހަރު އޯގަސްޓްގައި ކަމަށް ޓްރީ ޓޮޕުން ބުނެފި އެވެ. އެ ހޮސްޕިޓަލުން މިހެން ބުނީ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލައްވަން ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރޭގައި ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގައި ގާއިމް ކުރާ މި ހޮސްޕިޓަލް ހުޅުވަން ކުރިން ހަމަޖެހިފައި ވަނީ މި އަހަރުގެ ދެވަނަ ކްއާޓަރުގެ ތެރޭގަ އެވެ. ނަމަވެސް މިއަދު ޓްރީ ޓޮޕްުން ބުނީ ކުރިން ހުޅުވަން އޮތް ތާރީހަށް ވުރެ ތަންކޮޅެއް ލަސްކޮށް ހޮސްޕިޓަލް ހިދުމަތަށް ގެންނަން މިހާރު ހަމަޖައްސާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގައި ކަމަށާއި މިހާރު ވެސް ހޮސްޕިޓަލްގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށްފަހު މިނިސްޓަރު ނާޒިމް ވެސް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ. މިނިސްޓަރު ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުން ދިވެހީންނަށް ވަރަށް ގިނަ ހިދުމަށް ތަކެއް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެ ކަމަށާއި މިއީ ރާއްޖެ އާއި ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ހޮސްޕިޓަލެއް ކަމަށެެ.

"މި ހޮސްޕިޓަލަކީ ދިވެހިންގެ އުންމީދުތަކާއި ގުޅިފައިވާ ހޮސްޕިޓަލެއް. މި ހޮސްޕިޓަލުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް އިތުރު ފަސޭހަ ކަމެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓުރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި އަލަށް އޯޕެން ހާޓް ސާޖަރީގެ ހިދުމަށް ދޭނެ އެވެ. އެކަމަށް ހާއްސަ ޑޮކުޓަރުވެސް މިހާރު ވަނީ ރެކްރޫޓު ކޮށްފަ އެވެ. މީގެ އިތުރުން ވެސް މި ހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ލިބިގެންދާއިރު މުޅި ހޮސްޕިޓަލަކީ ފަހުގެ ޓެކްނޮލޮޖީ އާއެކު ފުލީ އޮޓޯމެޓިކު ހޮސްޕިޓަލެކެވެ. އަދި ދުނިޔޭގެ އެކި ހިސާބު ތަކުގައިވާ ޓުރީ ޓޮޕް ހޮސްޕިޓަލް ތަކާއި އެއް ނެޓްވޯކަކުން ގުޅާލެވިފައިވާނެ އެވެ.

މަލްޓި ސުޕެޝަލިޓީ މި ހޮސްޕިޓަލުގައި 200 އެނދު ހުންނާނެ އެވެ. ދެ އިމާރާތައްވާ ގޮތަށް ތަރައްގީކުރާ މި ހޮސްޕިޓަލް އަޅަމުން ދަނީ އެންމެ ޒަމާނީ ހޮސްޕިޓަލަކުން ވެސް ދެވޭނެ ހުރިހާ ސިއްހީ ހިދުމަތްތަކެއް ލިބޭ ގޮތަށް އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް އަންނާނެފަދަ ފެސިޓީސްތަކާއެކު އެވެ.

ހުޅުމާލޭގައި 20،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަ ފްލޯގެ އިމާރާތެއް ހަދާއިރު އެކޮމޮޑޭޝަން ބްލޮކަކާއި ރެސްޓޯރަންޓް އަދި އެމެޖެންސީ ޕަވަ ސިސްޓަމެއް ވެސް ހުންނާނެ އެވެ.