ހަބަރު

ޕާްކްކޮށްފައި އޮތް ދެ ކާރެއްގައި ރޯކޮށްލައިފި

Mar 27, 2015

ސީއެޗްއެސްސީ ކުރިމަތިން، ދާރުލް އަސާރު ފުރަގަހު ޕާކިން ޒޯންގައި އޮތް ދެ ކާރެއްގައި ރޯކޮށްލައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއަށް ހުކުމް އިއްވިތާ މާގިނައިރުތަކެއް ނުވެ، އަލިފާން ރޯކޮށްލީ އެ ޕާކިން ޒޯނުގައި އޮތް ޕްރައިވެޓް ދެ ކާރެއްގަ އެވެ.

ފުލުހުން ބުނީ އެ ރިޕޯޓް ލިބުމާ ގުޅިގެން އަލިފާން ނިންވުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު މާ ބޮޑަށް ނުފެތުރެނީސް ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމަކީ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކާރުތަކުގައި ރޯވެފައިވާ އަލިފާން ނިންވާލަން ސިފައިން ފެން ޖަހަން ފެށުމުން ކާރުތަކުން އެރި ދުންގަނޑު އެ ސަރަހައްދަށް ވަރަށް ބޮޑަށް ވަނީ ފެތުރިފަ އެވެ. އަލިފާން ރޯކޮށްލި އިރު އެ ޕާކިން ޒޯންގައި ވަރަށް ގިނަ އަދަދެއްގެ ކާރު ޕާކްކޮށްފައި ހުއްޓެވެ. ނަމަވެސް އެ ދެ ވެހިކަލް ފިޔަވައި އެހެން ވެހިކަލަކަށް ގެއްލުންވި ކަމެއް އަދި ނޭނގެ އެވެ.

އެ ސަރަހައްދަކީ އާންމުން ބޭނުން ކުރާ ކާރާއި ސައިކަލް ވަރަށް ގިނަ އަދަދަކަށް ޕާކްކޮށްފައި ހުންނަ ސަރަހައްދެކެވެ. ފުލުހުން މީގެ ކުރިން ވެސް ބުނެފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބިދޭސީންނަށް ހަމަލާ ދިނުމުގެ ކަންކަން ވެސް ހިންގަނީ ބަޔަކު ރާވައިގެން ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.