އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ރޭ ދިވެހި ސިފައިންގެ ކްލަބް އަތުން 3-2 ސެޓުން މޮޅުވެ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.
މިއީ ވާދަވެރި ސިފައިންގެ ކްލަބް އަތުން ޕޮލިސް ޖެހިޖެހިގެން މޮޅުވި ދެވަނަ ފަހަރެވެ. ޕޮލިސް ވަނީ ގައުމީ ލީގުގެ ފަހު މެޗުގައި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސިފައިން އަތުން މޮޅުވެފަ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު 25-17 އިން ޕޮލިސް ކާމިޔާބުކުރި ނަމަވެސް، ސިފައިން ދެވަނަ ސެޓު ގެންދިޔައީ 24-26 އިންނެވެ. ތިން ވަނަ ސެޓު 18-25 އިން ކާމިޔާބުކޮށް ސިފައިން ލީޑު ހޯދި ނަމަވެސް، ޕޮލިހުން މެޗު އެއްވަރުކުރީ ހަތަރު ވަނަ ސެޓު 25-23 އިން ކާމިޔާބުކޮށްގެނެވެ. ޕޮލިސް މެޗުން މޮޅުވީ ފަސް ވަނަ ސެޓު 16-14 އިން ކާމިޔާބުކޮށްގެނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ޕޮލިހުގެ އިންޑިއާ ކުޅުންތެރިއާ ޕްރަބާގަރަން އެވެ.
މި މެޗުން މޮޅުވެ ޕޮލިސް ފައިނަލް އިން ޖާގަ ހޯދިއިރު، ފައިނަލްގެ ފަހު ޖާގަ ހޯދަން ސިފައިންނަށް ޖެހޭނީ ތިން ވަނަ ސެމީގައި ވާދަކުރާށެވެ. ތިން ވަނަ ސެމީގައި ދެން ނުކުންނާނީ ސްޕޯޓްސް ކްލަބް ސިޓީ އެވެ. ސިޓީ ތިން ވަނަ ސެމީން ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ސްޕޯޓްސް ކްލަބް ގުޑީސް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
ސިފައިންނާއި ސިޓީ ވާދަކުރާ ތިން ވަނަ ސެމީ ކުޅޭނީ މިރޭ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ އެވެ.