ކަނޑުމަތީގެ ހާދިސާ

ދެކުނު ކޮރެޔާގެ އާގުބޯޓެއް އެޓްލާންޓިކް ކަނޑަށް ގެއްލިއްޖެ

Apr 3, 2017

ދެކުނު ކޮރެއާގެ ވަރަށް ބިޔަ އާގުބޯޓެއް އެޓްލާންޓިކް ކަނޑަށް ގެއްލިއްޖެ އެވެ.

ދިގު ނިމިނުގައި 321 މީޓަރު، ފުޅާ މިނުގައި 58 މީޓަރު ހުންނަ "ސްޓެއްލާ ޑެއިޒީ" ގެއްލުނީ ބްރެޒިލް އިން މުދާ ބަރު ކޮށްގެން ޗައިނާއަށް ދަތުރު ކުރަނިކޮށް ކަމަށް ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީއާ ހަވާލާދީ ދަ ގާޑިއަން ނޫހުން މިއަދު ބުންޏެވެ.

ބޯޓުގެ ފަޅުވެރިންގެ ތެރެއިން 24 މީހަކު ހޮނިހިރު ދުވަހު ވަނީ ލައިފް ރާފްޓެއްގައި ތިއްބައި ފެނިގެން ސަލާމަތް ކޮށްފަ އެވެ. އަދި 22 މީހަކު ނުފެނި ވާއިރު އެ ބޯޓް މިހާރު ފެތިފައި ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. ސަލާމަތްވި 24 މީހުންނަކީ ފިލިޕީންސްގެ މީހުންނެވެ. ނުފެނިވާ 24 މީހުންގެ ތެރެއިން 14 މީހުންނަކީ ވެސް ފިލިޕީންސް މީހުންނެވެ. އަދި އަނެއް އަށް މީހުންނަކީ ދެކުނު ކޮރެއާ މީހުންނެވެ.

އެމީހުން ހޯދަން ދެކުނު ކޮރެއާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގައި އެހީތެރިވުމަށް އެގައުމުން ވަނީ ބްރެޒިލްއާއި އުރުގުއޭ ސަރުކާރުގައި އެދިފައެވެ.

ސްޓެއްލާ ޑެއިޒީއަކީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ޕޮލާރިސް ޝިޕިން އިން ދުއްވާ ބޯޓެކެވެ. އެބޯޓުގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ހުކުރު ދުވަހުއެވެ. އެއީ ބޯޓަށް ނުރައްކަލާ ކުރިމަތިވެފައިވާކަން އޮޕަރޭޓަރަށް އެންގުމުންނެވެ.