ހަބަރު

ނާޒިމަށް ކުރި ހުކުމުން ރައްޔިތުންނަށް ދެނީ ބިރުވެރި އިންޒާރު: އާޒިމް

Mar 27, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ރޭ ކުރި ހުކުމުން އެނގެނީ ދިވެހި ރައްޔިތުންނަށް ގާނޫނީ ގޮތުން ރައްކާތެރިކަން ނެތުން ކަމަށް އޭނާގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ދާދި ފަހުން ވަކިކުރި އާޒިމް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައި ވަނީ، ނާޒިމަށް ހުކުމް ކުރީ ގާނޫނުތައް މުގުރާލާފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހިންނަށް ދޭ އިންޒާރަކީ އެ މީހުންނަށް ގާނޫނުގެ ރައްކާތެރިކަން ނެތުން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

"ދިވެހި ރައްޔިތުންނަށް ގާނޫނީ ގޮތުން ރައްކާތެރި ކަމެއް ނެތް ކަމުގެ ބިރުވެރި އިންޒާރެއް އެ ދެނީ،" އާޒިމް ވިދާޅުވި އެވެ.

ރޭ ހުކުމް އިއްވުމާ ގުޅިގެން ނާޒިމްގެ މައްމަ ވަރަށް ބޮޑަށް ހާލުދެރަވެ އައިސީޔޫގައި ވެސް ބޭއްވި ކަމަށް އެ އާއިލާއިން ވަނީ ބުނެފަ އެވެ.

ނާޒިމްގެ ވަކީލުން ވެސް ރޭ ވިދާޅުވީ ނާޒިމްއަށް ކުރި ހުކުމުގައި ގާނޫނީ މައްސަލަތައް އެބަހުރި ކަމަށާއި އެ ހުކުމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެެހެންވެ ލިޔުންތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ އިންތިއުނާފް ކުރާނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ރާއްޖެ އެތެރެކުރުން މަނާ ހަތިޔާރު އެތެރެކޮށް އަދި ގެންގުޅުމުގެ ކުށުގައި ނާޒިމްގެ މައްޗަށް ސާބިތުވެ ހުކުމް އިއްވީ، އޭނާ 11 އަހަރަށް ޖަލަށްލުމަށެވެ. ރޭ ހުކުމް އިއްވުމާ އެކު ކޯޓް ރޫމުން ނިކުންނަވަމުން ނާޒިމް ވިދާޅުވީ،"އަދި އިންސާފު ލިބޭނެ ކަމަށާއި ހައްގަށް ނަސްރުލިބޭނެ" ކަމަށެވެ. އަދި އެންމެން ވެސް، "ހިތްވަރު ކުރުމަށް" އެދިވަޑައިގެންނެވި އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލަ އާއި ތިން ވަޒަނުގެ އިތުރުން މެގަޒިނެއް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާގެ ހުކުމް އިއްވުމަށް ރޭ ބޭއްވި މަޖިލީހުގައި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ރާއްޖެއަކީ ފިސްތޯލަ އާއި ވަޒަން އުފައްދާ ގެންގުޅޭ ގައުމަކަށް ނުވާއިރު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އާއި ވަޒަންތައް ލިބުނީ ކޮން ގޮތަކުން ކަން ނާޒިމަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށެވެ. އެހެންވެ އެ ހަތިޔާރުތަކަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ. އެހެންވެ ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުން ނާޒިމް ކުށްވެރިވާ ކަމަށް ކަނޑައަޅައި އެ ކުށުގެ އަދަބެއްގެ ގޮތުން ރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ނާޒިމް 11 އަހަރަށް ޖަލަށްލުމަށް އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު މައްސަލައިގައި ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ވަނީ ވަކިކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި ސަރުކާރުގެ އިސްވެރިންތަކަކަށް ހަމަލާދޭން ނާޒިމް ރާވާފައިވާ ކަމަށް ބުނާ މައުލޫމާތު ހިމެނޭ ޕެން ޑްރައިވެއް އެ ހަތިޔާރުތަކާ އެކު ވަނީ ފެނިފަ އެވެ.