ރައީސް އަބްދުﷲ ޔާމީން

ސާކުގެ އާ ސެކްރެޓަރީ ޖެނެރަލްއާ ރައީސް ބައްދަލު ކުރައްވައިފި

Apr 3, 2017

ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ އާ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ އަމްޖަދް ޙުސައިން ބީ. ސިއާލް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި އާ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ސިއާލް ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އާ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ސާކްގެ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް އިތުރަށް ކުރިޔަށް ދާނެކަމަށް އުއްމީ ދުކުރައްވާ ކަމަށާއި ސާކް ގައުމުތަކުގެ މެދުގައި އިގުތިސޯދީ ގޮތުން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އިޝާރާތް ކުރައްވާ ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އަދި ސާކް މެދުވެރިކޮށް ސާކް ގައުމުތަކުގެ މެދުގައި ސަރަހައްދީ އެއްބާރުލުން އިތުރު ކުރުމާއި، ދޭދޭ ޤައުމުތަކުގެ މަސްލަހަތު އޮންނަ ކަންކަމުގައި ބޭނުންވާ ފުރުސަތުތައް ފޯރުކޮށް ދިނުމާއި ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ޗާޓާގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެ މުއައްސަސާއިން ދުރުވިސްނޭ ރަނގަޅު ސިޔާސަތަކާއި ދިމާލަށް މިސްރާބް ޖަހާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މެންބަރު ގައުމުތަކުން ވެސް އެކުވެރިކަމާއިއެކު ސާކްގެ އުސޫލުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.