އަލިފާން

އަލިފާން ނިއްވާ ވަސީލަތް ހޯދަން މަސައްކަތް ފަށާނަން: މިނިސްޓަރު

އަލިފާން ނިއްވަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެެވެ.

އުސް އިމާރާތް ތަކުގައި ހިނގާ އަލިފާނުގެ ހާދިސާ ތަކުގައި ފަޔާ އެންޑު ރެސްކިއު (އެފްއާރުއެސް) އިން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ކޯސްޓު ގާޑު ބިލްޑިންގަ މިއަދު ބޭއްވި ވޯކްޝޮޕް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު ވިދާޅުވީ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމަށް ބޭނުން ވާނެ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށެވެ.

"އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވުމަށް ބޭނުންވާ ވަސީލަތްތައް ނެތުމުން އެކަން އެންމެ ފުރިހަމަ އަށް ނުކުރެވޭނެ. އެކަމަށް އެކަށޭނެ ވަސީލަތްތައް ހޯދުމަކީ ވަރަށް މުހިންމު ކަމެއް" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކަންކުރާނެ ގޮތާއި ބެހޭގަޮތުން ދުރާލާ ތައްޔާރުވެގެން ތިބުމަށް ބޭއްވުނު ވޯކް ޝޮޕުން ސިފައިން އެކަމުގައި ދުރަށް ވިސްނާވާރު އެނގޭ ކަމަށެވެ.