ބޮލީވުޑް

ސަލްމާންގެ "ޓިއުބްލައިޓް" ޖޫން 23 ގައި

Apr 4, 2017

މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ހިންދީ ފިލްމުތަކުގެ ތެރެއިން އެ ފިލްމަކަށް ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމަކަށް ސުޕަސްޓާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" ވާނެ އެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ފިތުރު އީދާ ދިމާކޮށް ޖޫން މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ ބުނެފަ އެވެ.

އިންޑިއާ އަށް ފިތުރު އީދަކީ ޖޫން 25 ވާ އާދީއްތަ ދުވަސް ނަމަވެސް، މިފިލްމު ރިލީޒްކުރަނީ އޭގެ ދެ ދުވަސްކުރިން، ހުކުރު ދުވަހު އެވެ.

މިފަހަކަށް އައިސް ފިތުރު އީދާ ދިމާކޮށް ކޮންމެ އަހަރަކު ފިލްމު ރިލީޒްކޮށް ސަލްމާން އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

ތާރީހީ ހަނގުރާމައެއްގެ މައްޗަށް އުފައްދާފައިވާ "ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މި ފިލްމުގައި ސަލްމާން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫ ޒޫ އެވެ. ސަލްމާން މި ފލްމުގައި ފެނިގެންދާނެ ކަމަށް ވަނީ އާމީ އޮފިސަރެއްގެ ރޯލުންނެވެ.

މިފަހުން މަރުވި ކުރީގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީ "ޓިއުބްލައިޓް" ގެ މުހިންމު ރޯލަކުން ފެނިގެންދާއިރު، ސަލްމާންގެ ބޭބެގެ ރޯލުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ.

"ޓިއުބްލައިޓް" އަކީ ކަބީރް ޑައިރެކްޓްކުރި ފިލްމެއްގައި ސަލްމާން ފެނިގެންދާ ތިން ވަނަ ފިލްމެވެ. ސަލްމާން ވަނީ ކަބީރްގެ ފުރަތަމަ ޑައިރެކްޝަން "އޭކް ތަ ޓައިގާ" އާއި 2015 ވަނަ އަހަރު ނިކުތް "ބަޖްރަންގީ ބައިޖާން" ގައި ފެނިގެން ގޮސްފަ އެވެ.

މި ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު މިދިޔަ މަހުގެ ތެރޭގައި ސަލްމާން ވަނީ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އާއެކު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ފަށާފަ އެވެ. އަދި މިދިޔަ ހަފްތާގައި ސަލްމާން ވަނީ އޭނާގެ އާއިލާ އާއެކު ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ.