ބޮލީވުޑް

ބައިވަރު ދަރިން ހޯދަން ދިޕިކާ ބޭނުންވޭ

Apr 4, 2017

ސުޕަސްޓާ ޝާހްރުކް ޚާނާ އެކު 2007 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ބަތަލާ ދިޕިކާ ޕަދުކޯންގެ ފިލްމީ ހަޔާތަކީ ވަރަށް ކާމިޔާބު އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ބޮލީވުޑްގެ ކިންގް، ޝާހްރުކް އާއެކު ފިލްމީ ހަޔާތް ފެށި ދިޕިކާ މިހާތަނަށް ވަނީ މަޝްހޫރު އެތަކެއް ތަރިންނާއެކު ސައްވީހަށް ވުރެން ގިނަ ހިންދީ ފިލްމުން ފެނިގެން ގޮސްފަ އެވެ.

ބޮލީވުޑްގައި މިވަގުތު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ ދިޕިކާ ވަނީ މިދިޔަ މަހުގެ ތެރޭގައި ނިކުތް ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" އިން ވިން ޑީސަލް އާއެކު ފެނިގެން ގޮސްފަ އެވެ.

ހޮލީވުޑްގައި ވެސް ފިޔަ ޖަހަން ފަށާފައިވާ ދިޕިކާ، "ޓްރިޕަލް އެކްސް" އަށް ފަހު މަގުބޫލުކަން ބޮޑުވެގެން ގޮސްފައިވާއިރު، އިތުރު ހޮލީވުޑް ފިލްމުތަކަކުން އޭނާ އަށް ހުށަހެޅުން ލިބިފައިވާ ކަމުގެ ވާހަކަތައް މިފަހުން ވަނީ ދެކެވިގެން ގޮސްފަ އެވެ.

ކުރިއަށް ގިނަ ފިލްމުތަކަކުން ވެސް ފުރުސަތުތައް ލިބިފައިވާ ދިޕިކާ ވަނީ އޭނާގެ ފިލްމީ ކެރިއަރު ކިތަންމެ ރަނގަޅު ހިސާބަަކަށް ގޮސްފައިވީ ނަމަވެސް ދަރިން ހޯދައި، އާއިލާއެއް ބިނާކުރަން ކެރިއަރު ދޫކޮށްލަން އޭނާ ފަސްނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ރާޖީވް މަސަންދްގެ ޝޯގައި ބައިވެރިވެ، ގުޅިއެއްގެ ތެރެއިން ނެގި ސުވާލު ކަރުދާސްކޮޅު ތަކަަކަށް ޖަވާބުދެމުން މަރުވުމުގެ ކުރިން އެންމެ ކުރަން ބޭނުންވަނީ ކޮން ކަމެއްތޯ އެހުމުން ދިޕިކާ ވަނީ ވަރަށް ބައިވަރު ކުދިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ދިޕިކާ މިހެން ބުނެފައިވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ވެސް ދިޕިކާ ވަނީ ދަރިން ހޯދައި އާއިލާއެއް ބިނާކުރަން އޭނާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އޮތް ދިޕިކާގެ އެކުވެރިއެއްގެ ކައިވެނި ޕާޓީގެ ތެރެއިން ތުއްތު ކުއްޖަކު މެއާ ބޮނޑިކޮށްގެން ދިޕިކާ ހުރި ފޮޓޯއެއް އާންމުވެ ވަނީ ގިނަބައެއްގެ ސަމާލުކަން އަތުލާފަ އެވެ.

މަޝްހޫރު ގިނަތަރިން ދެކޭ ގޮތުގައި ކައިވެންޏެއް ކޮށް ދަރިން ލިބޭ ހިސާބަކީ އެމީހުންގެ ފިލްމީ ކެރިއަރު ނިމުމަކަށް އަންނާނެ ކަމެކެވެ. ނަމަވެސް ގިނަތަރިން ގަބޫލުކުރަމުން އައި މިކަންތައް މިހާރުގެ ގިނަ ބަތަލާއިންގެ ތެރެއިން، ކުދިން ލިބުނު ފަހުން ފިލްމީ ދާއިރާގައި ކުރިއެކޭ ވެސް އެއްގޮތަށް ހަރަކާތްތެރިވަމުން އަންނަ ތަރިން ކަމަށްވާ ކާޖޮލް އާއި އައިޝްވާރިޔާ ރާއި އަދި މިފަހުން މަންމަ އަކަށްވި ކަރީނާ ކަޕޫރު އަންނަނީ މިސާލު ދައްކަމުންނެވެ.

މިދިޔަ އަަހަރު ދިޕިކާގެ ހިންދީ ފިލްމެއް ރިލީޒްވެފައިނުވާއިރު، އޭނާގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ ޝޫޓިން މެދުކެނޑިފައި އޮތް ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އާ އެވެ. ރާނީ ޕަދްމިނީގެ ހަޔާތުގެ އަސްލަކަށް ބަަލައިގެން އުފައްދާ އެ ފިލްމުގައި ތާރީހީ ގޮތުން ގޮސް މައުލޫމާތުތައް ހިމެނޭ ކަމެއް ކަމަށް ބުނެ ސެނާ ޕާޓީއިން ފިލްމުގެ ސެޓަށް ދިން ހަމަލާގައި ފިލްމުގެ ޝޫޓިން ވަނީ މަޑުޖައްސާލާފަ އެވެ.