ބޮލީވުޑް

ދެވަނަ އަށް އެންމެ ރީތި އަންހެނަކަށް ޕްރިޔަންކާ

Apr 4, 2017
2

ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑްގެ ބަތަލާގެ އިތުރުން ހޮލީވުޑްގައި ވެސް ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްޅާ ވަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ ރީތި އަންހެނަކަށް ހޮވިފަ އެވެ.

ސޯޝަލް މީޑިއާ ނެޓްވޯކް ބަޒްނެޓް އިން ދުނިޔޭގެ އެންމެ ރީތި 30 އަންހެން ހޮވުމަށް ކުރިއަށް ގެންދިޔަ ޕޯލްގައި ދެވަނަ އަށް އެންމެ ގިނައިން އާންމުންގެ ވޯޓު ލިބިގެން ދުނިޔޭގެ ދެވަނަ އަށް އެންމެ ރީތި އަންހެނާގެ އެވޯޑް ޕްރިޔަންކާ އަށް ލިބިފައިވާއިރު، އޭނާ އަކީ މި ލިސްޓުގައި ހިމެނުނު ބޮލީވުޑްގެ ހަމައެކަނި ބަތަލާ އެވެ. އަދި ޕްރިޔަންކާ ވަނީ ހޮލީވުޑްގެ އެންމެ ރީތި އަންހެނުންގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ތަރިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި އެމާ ވޮޓްސަން އަދި ޖިޖި ހަޑީޑީ ފަދަ ތަރިން ވެސް ފަހަތަށް ޖައްސާލާފަ އެވެ.

ދެހާސް ސަތާރަވަނަ އަހަރު ދުނިޔޭގެ އެންމެ ރީތި އަންހެނަކަށް ހޮވި މި ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ލަވަކިޔުންތެރިޔާ ބިއޯންސޭ އަށެވެ. އަދި ތިންްވަނަ ޓޭލާ ހިލް އަށް ލިބުނުއިރު ހަތަރު ވަނައިގައި ހިމެނިފައިވަނީ އެމާ ވޮޓްސަން އެވެ. ފަސްވަނައިގައި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ގެ ތަރި ޑަކޯޓާ ޖޯންސަން ހިމެނުނުއިރު، ހަވަނަ ލިިބިފައިވަނީ ނިމުނު އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ހިލަރީ ކްލިންޓަނަށެވެ. މީގެއިތުރުން މިލިސްޓުގެ އަށް ވަނައިގައި ވަަނީ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ވެސް ހިމެނިފަ އެވެ.

މި ލިސްޓުގެ ދެވަނަ ލިބި، ދުނިޔޭގެ އެންމެ ރީތި ދެވަނަ އަންހެނާގެ މަގާމު ލިބުމުގެ އުފަލުގައި ޕްރިޔަންކާ ކުރި ޓްވީޓެއްގައި ވަނީ އޭނާ އަށް ވޯޓް ދިން އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ވަނީ އެންމެ ރީތި އަންހެނަކަށް ހޮވުނު ބިއޯންސޭ އަކީ އޭނާގެ ވެސް އެއްވަނަ ކަމަށް ބުނެފަ އެވެ.