ދުނިޔެ

ރަޝިޔާގެ ސެންޓްޕީޓާސްބާގްގައި ބޮމެއް ގޮއްވާލައި 11 މީހުން މަރާލައިފި

Apr 4, 2017

ރަޝިޔާގެ ދެވަނަ އަށް އެންމެ ބޮޑު ޝަހަރުކަމަށްވާ ސެންޓްޕީޓާސްބާގްގެ މެޓްރޯ ޓްރެއިނެއްގައި ހޯމަ ދުވަހު ބޮމެއް ގޮއްވާލައި 11 މީހުން މަރާލައިފި އެވެ.

ރަޝިޔާގެ ނެޝަނަލް އެންޓިޓެރަރިޒަމް ކޮމިޓީގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ އިންޓަފެކްސް ނޫހުން ބުނީ މީހަކު އަމިއްލައަށް މަރުވެގެން ދިން ކަމަށް ބެލެވޭ އެ ޓެރަރިސްޓް ހަމަލާގައި 45 މީހުން ޒަހަމްވެސްވި ކަމަށެވެ. އެ ނޫހުން ބުނީ ޒަހަމްވި މީހުންގެ ތެރެއިން 13 މީހެއްގެ ހާލަތު ވަރަށް ނާޒުކު ކަމަށެވެ.

ބޮން ގޮއްވައިލި ޓްރެއިން ނޫން އެހެން ޓްރެއިންއެއްގެ އަލިފާން ނިވާ ނިޒާމުގެ ކައިރީގައި ބަހައްޓާފައި ހުރި ގޮވާއެއްޗެހިތަކެއް ފެނިފައިވާ ކަމަށް ވެސް ރަޝިޔާގެ ނެޝަނަލް އެންޓިޓެރަރިޒަމް ކޮމިޓީން ވަނީ ބުނެފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ސެންޓްޕީޓާސްބާގްގެ ހުރިހާ މެޓްރޯ ސްޓޭޝަންތަކެއް ބަންދު ކުރި ނަމަވެސް މިހާރު ވަނީ އަލުން ހުޅުވާފަ އެވެ.

ބޮމުގެ ހަމަލާ ދިން އިރު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވަޑައިގެން ހުންނެވީ ސެންޓްޕީޓާސްބާގްގަ އެވެ. ހަމަލާދިން ސަރަހައްދަށް އޭނާ ރޭ ވަޑައިގެން މަރުވިމީހުންގެ ހަނދާނުގައި ވަގުތީ ގޮތުން ހަދާފައިވާ ތަނެއްގައި އޭނާ ވަނީ މާބޮނޑިއެއް ބާއްވަވާފަ އެވެ.

ރަޝިޔާގެ އުތުރުގައިވާ ކޯކަސަސް ސަރަހައްދުގެ އިސްލާމީ ހަނގުރާމަވެރި ޖަމާއަތްތަކުން އެގައުމުގައި ކުރިން ބޮމުގެ ހަމަލާތައް ދީނުމަކީ އާއްމުކަމެކެވެ. ނަމަވެސް މިފަހަރުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް މަދަދުކުރާތީ ހަނގުރާމަވެރި ޖަމާއަަތްތަކުގެ އަމާޒަކަށް ރަޝިޔާ ވެފައިވާ ކަމަށް ސަލާމަތީ ކަންތައްތަކާ ބެހޭ މާހިރުން ވިދާޅުވެ އެވެ.