ބޮލީވުޑް

ރާނީ އެނބުރި އަންނަ ފިލްމުގެ ޝޫޓިން ފަށައިފި

Apr 5, 2017

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ގާތް ގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅޭ ފުރަތަމަ ފިލްމު، "ހިޗްކީ" ގެ ޝޫޓިން ފަށައިފި އެވެ.

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖް ފިލްމްސްގެ ވެރިޔާ އަދިތްޔަ ޗޯޕްޅާއާ 2014 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ފިލްމު ކުޅުމުން ބްރޭކެއް ނަގައިގެން ހުރި ރާނީ އަލުން ފިލްމު ކުޅެން ފަށާފައިވާއިރު، އޭނާ އެނބުރި އަންނަ ފިލްމު، "ހިޗްކީ" ގެ ޝޫޓިން ފަށާފައިވަނީ އިއްޔެ އެވެ.

ރާނީގެ ފިރިމީހާގެ އަދިތްޔަގެ، ޔާޝް ރާޖް ފިލްމްސްއިން އުފައްދާ މި ފިލްމުގެ ޝޫޓިން އިއްޔެ ފެށިކަން ހާމަކުރުމުގެ ގޮތުން ވަނީ ފިލްމުގެ ޓްވިޓާ ޕޭޖަށް ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ރާނީ ޗޯލްކް ބޯޑެއްގައި " ޝޫޓިން މިއަދު ފަށައިފި" މިހެން އިނގިރޭސިން ލިޔެ އެވެ.

ނޫކުލައިގެ އަތް ދިގު ކުރުތާއެއްގައި ފެންނަ ރާނީގެ ދިގު އިސްތަށިގަނޑު ފަހަތަށް އޮންނާނެހެން ދަތި ޖަހާލާފައިވާއިރު، 2015 ވަނަ އަހަރު އަލަތު ދަރިފުޅު ވިހޭފަހުން ގައިގަ ޖެހި މަސްތައް ވިރުވާލައި ރާނީ ވަނީ ހިކިލާފަ އެވެ.

"ހިޗްކީ" ގެ ޝޫޓިން މުމްބައީގައި ހުންނަ ޔާޝް ރާޖްގެ ސްޓޫޑިއޯގައި ތައްޔާރުކޮށްފައިވާ ސެޓެއްގައި ފެށިގެން ކުރިއަށްދާއިރު، މި ފިލްމުގައި ރާނީ ފެނިގެންދަނީ ޓީޗަރެއްގެ ރޯލުން ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ސިދާތް ޕީ މަލްހޯތުރާ ޑައިރެކްޓްކުރާ މި ފިލްމުގައި ރާނީ ފެނިގެންދާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ރޯލުން ކަމަށް، ފިލްމު އިއުލާންކުރި ދުވަހުން ފެށިގެން އައީ ބުނަމުންނެވެ. "ހިޗްކީ" ގެ ޝޫޓިން ފެށުމާއެކު ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރާނީ ވަނީ، ބާރުވެރި އަންހެނެއްގެ ރޯލު ކުޅުމުގެ ފުރުސަތު އޭނާ އަށް ލިބުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ބުނެފަ އެވެ.

މި ފިލްމުގައި ރާނީގެ އިތުރުން ދެން ފެނިގެންދާނެ ތަރިން އަދި ހާމަކޮށްފައެއްނުވެ އެވެ.

ބޮލީވުޑްގެ އެހެން ތަރިންނާ ހިލާފަށް މިފަހަކަށް އައިސް ރާނީ ގިނައިން ކުޅެފައިވަނީ އަންހެނެއްގެ ބާރުވެރިކަން ދައްކުވައިދޭ ފިލްމުތަކެވެ. އެގޮތުން އޭނާގެ އެންމެފަހުން ރިލީޒްވި، "މަރްދާނީ" ގައި ރާނީ ފެނިގެންދަނީ ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ އަންހެން ފުލުހެއްގެ ރޯލުންނެވެ.