ހަބަރު

ސޯޝަލް މީޑިއާގައި ފުލުހުންގެ ފޮޓޯ ޖަހައި އިންޒާރު ދޭނަމަ ފިޔަވަޅު އަޅަނީ

Mar 28, 2015
1

ވަކިވަކި ފުލުހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ފުލުހުންނަށް އިންޒާރު ދެމުން އަންނާތީ އެކަން ހުއްޓާލުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަކި ވަކި ފުލުހުންގެ ފޮޓޯލައި އިންޒާރުގެ މެސެޖްތައް ލިޔަމުން އަންނަނީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ބިރު ގެންނެވުމަށް ކަމަށެވެ. އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން ޒިންމާދާރު ކަމާ އެކު ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އިލްތިމާސް ކުރަމުން ފުލުހުން ބުނީ އެފަދަ ކަންކަން ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މުއައްސަސާއިން ކުރަމުން ގެންދަނީ ކޮންމެ މީހަކު ވިޔަސް ކުށެއް ކުރާ ނަމަ ނޫނީ ގާނޫނާ ހިލާފު އަމަލޔތަކެއް ހިންގާ ނަމަ އެ މީހަކު ގާނޫނުގެ ކުރި މައްޗަށް ގެނެސް، މުޖުތަމައު އަމާން ކުރުމުގެ މަސައްކަތެވެ. އެ މަގުސަދު ހާސިލް ކުރުމަށް ޓަކައި ފުލުހުންގެ ގާނޫނުގެ ދަށުން، މީހުން ހައްޔަރު ކުރުމާއި ތަންތަން ބަލައި ފާސްކުރުމާއި ތަހުގީގުކޮށް މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލަށް ދައުވާ ކުރުމަށް ފޮނުވުމުގެ ބާރު ލިބިދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ރާއްޖޭގެ އިގްތިސާދަށާއި އަމަން އަމާންކަމަށް ގެއްލުމެއް ލިބޭނެ ފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމުގައި ފުލުހުން ދެމި ތިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ފުލުހުންގެ ޤާނޫނީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެގޮތުން ޤާނޫނީ ހަމަތަކުގެމަތިން ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފްރަތު އުފެއްދުމުގެ ގޮތުންނާއި ފުލުހުންނަށް ބިރުދެއްކުމުގެ މަޤްޞަދުގައި ވަކިވަކި ފުލުހުންގެ ފޮޓޯ ޖަހައި އެފަދަ ފޮޓޯތަކުގައި އިންޒާރުގެ ބަސްތައްލިޔެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުން ގެންދިއުމަކީ އެއްވެސް ހާލެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލައިގަންނާނޭކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލި ދައުވާގައި ހެކިބަސް ދިނުމަށް ކޯޓަށް ދިޔަ ބައެއް ފުލުހުންނާއި އެ ގެ ފާސްކުރި ޓީމްގައި ހިމެނޭ ފުލުހުންގެ ފޮޓޯ އާއި ފުލުހުންގެ ސާވިސް ނަމްބަރު މިއަދު ވަނީ ސޯޝަލް މީޑިއާގައި ބަޔަކު އާންމުކޮށްފަ އެވެ. އަދި ނާޒިމް ފްރޭމް ކުރުމަށް އޭނާގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދީ އެ ފުލުހުން ކަމަށް ވެސް ތުހުމަތުކޮށް އެމީހުންނަށް އިންޒާރުގެ މެސެޖްތައް ވަނީ ފޭސްބުކާއި ޓްވިޓާގައި މިއަދު ޕޯސްޓްކޮށްފަ އެވެ.