ބޮލީވުޑް

ކަރަންގެ ލޯބީގެ ފިލްމެއްގައި ކަރީނާ

Apr 5, 2017

ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ، ބޮލީވުޑްގައި ތިބި ގާތް އެކުވެރިންގެ ތެރޭގައި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހިމެނެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އަލަތު ދަރިފުޅު ވިހެއިފަހުން، ކަރީނާ ފިލްމުތަކުން ބެރޭކެއް ނަގައިގެން މިވަގުތު ހުރި ނަމަވެސް، އަންނަ މަހުން ފެށިގެން އޭނާ އަލުން ފިލްމުތަކުގެ މަސައްކަތް ފަށާނެ އެވެ.

ބަނޑުބޮޑުވެ ވިހެއުމާއެކު ހަށިގަނޑަށް އައި ބަދަލު، ވިހެއިތާ ދެތިން މަސްދުވަހުގެ ތެރޭގައި ދުއްވާލައި ކަރީނާ ވަނީ ކުރީގެ އޭނާގެ ލޫޅާފަތި ހަށިގަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

ރިއާ ކަޕޫރާއި އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމު "ވީރް ދި ވެޑިން" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ކަރީނާ ފެށުމަށް ހަމަޖެހިފައިވާއިރު، އޭނާ އަށް ގާތްއެކުވެރިޔާ، ކަރަން ވަރަށް އަވަހަށް އުފައްދަން ނިންމާފައިވާ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ކަރަން އުފައްދާ ލޯބީގެ މަޖާ ފިލްމަކުން ކަރީނާ އަށް ފުރުސަތު ލިބިފައިވާ ކަމާ ގުޅޭގޮތުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ހަބަރުތައް ބުނާގޮތުން، ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމުގެ ބަތަލާގެ ރޯލު މިހާރު ވަނީ ކަރީނާ އަށް ހުށަހަޅާފަ އެވެ. އަދި އެ ދެމީހުން ފިލްމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވެ އެވެ.

ކަރީނާ، ކަރަންގެ މި ފިލްމު ކުޅޭނަމަ މިއީ 2013 ވަނަ އަހަރު ނިކުތް ކަރަން އުފެއްދި ފިލްމު، "ގޯރީ ތެރޭ ޕިޔާރްމޭ" އަށް ކަރަންގެ ފިލްމަކުން ކަރީނާ ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެ ފިލްމު ފްލޮޕްވި ނަމަވެސް ކަރީނާގެ ފިލްމީ ދާއިރާއަށް ނިކުތްތަނާ ކުޅުނު ކަރަންގެ "ކަބީ ހުޝީ ކަބީ ގަމް" އަކީ އޭނާގެ ފިލްމީ ދާއިރާ ކޮޅަށް ޖަހައިދިން ފިލްމެވެ.

އަދި އެ ފިލްމަށްފަހު ކަރަން އުފެއްދި ފިލްމު "ކަލްހޯ ނަހޯ" ގެ ބަތަލާގެ ރޯލު ވެސް ކަރީނާ އަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔަ ޝާހްރުކް ޚާނާ އެއްވަރުގެ މުސާރައެއް ދޭން ކަރަން ދެކޮޅު ހެދުމުން އެ ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި، ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެން ވާހަކަނުދައްކާ ތިބި ކަމަށްވެ އެވެ.

ކަރީނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "ކީ އެންޑް ކާ" އިންނާއި "އުޅްތާ ޕަންޖާބު" އިންނެވެ.