ހަބަރު

އިދިކޮޅުން އިސްލާހަކަށް ނޫޅޭ، އޮތީ ޒާތީ ހަސަދަ: ރައީސް

އިސްލާހީ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ހާމަކުރައްވާފައިވާ އިދިކޮޅު ބޭފުޅުންނަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑުވިޅުވެ، އެ ބޭފުޅުންގެ ނިޔަތާމެދު ސުވާލު އުފަދައްވައިފި އެވެ. ވިދާޅުވީ، ގައުމުގައި އިސްލާހު ކުރަންވީ ކަމެއް އެ ބޭފުޅުން ނުދައްކަވައި އުޅުއްވަނީ އަމިއްލަ ބޭނުންތަކެއް ފުއްދެވުމަށް ކަމަށެވެ.

"މިއަދު އިވިގެން މިދަނީ ރާއްޖެ އިސްލާހު ކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރާ އަޑު، މަރުހަބާ، ހުރިހާ ބޭފުޅުން ވެސް ރާއްޖެ އިސްލާހުކުރުމަށް މަސައްކަތް ކުރަންވާނެ، އެކަމަކު ފެއްސާއި ރަތާއި ހުދުގެ އެންމެ ލަފުޒެއް ވެސް އިސްލާހުގެ މާނައިގައި އައްސަވައިފިންތޯ؟ ނޫން، އަދި އަޑެއް އިވިވަޑައެއް ނުގަންނަވާނެ،" ޕީޕީއެމްއަށް ގިނަ ބަޔަކު ގުޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ އިދިކޮޅު ފަރާތްތަކުން ދައްކަވާ ކަންކަން އިސްލާހު ކުރުމަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް މިހާތަނަށް އިސްލާހު ކުރަންވީ ކަމެއް ނުވަތަ ދާއިރާއެއް އެ ބޭފުޅުން ބަޔާން ކޮށްފައިނުވާ ކަމަށެވެ.

"އެންމެ ފަހަރަކު ވެސް އިސްލާހުގެ ބިލެއް ހުށަހެޅުއްވިއްޔާ ކީއްތޯ؟ އެންމެ ފަހަރަކު ވެސް އިސްލާހަށް ކުރަން ބޭނުންވާ ކަމެއްގެ މައްސަލަ ހުށަހެޅުއްވިއްޔާ ކީއްތޯ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް އެކުލަވާލައި ދައުލަތުގެ ބަޖެޓަށް އެމްޑީޕީއިން ވޯޓު ނުދެއްވާ ކަމަށާއި ރަށްރަށަށް ތަރައްގީގެ މަޝްރޫއުތައް ގެންގޮސްފައި ހުންނަނީ އެ ފަރާތްތަކުގެ ދައުރެއް ނެތި ކަމަށެވެ. މިހާރު އިސްލާހަށް ކަމަށް ބުނެ އެފަދަ އަމަލުތަކެއް ހިންގާފައިވާ އެމްޑީޕީއާއެކު ބަޔަކު ނިކުމެ މަސައްކަތް ކުރުމަކީ އަރަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް އިސްލާހުވާ ތަނެއް ނުފެނޭ، މިއަދު ގާނޫނު އަސާސީއަށް އެއްގޮތަށް މުއައްސަސާތައް ހިންގައި އަލަށް މިކަންކަން ހިނގާތީ ފާޑު މިކިޔަނީ، ޝަރުއީ ތިން މަރުހަލާއިން މައްސަލަ ނިންމިޔަސް އެއީ ރައީސް ޔާމީން ކުރާ ކަމެއް، ނޫން، ރައީސް ޔާމީނަކީ ކޯޓުތަކާ ބެހޭ މީހެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އިޝާރަތް ކުރައްވާ ވެސް ވާހަކަ ދައްކަވާފަ އެވެ. އެކަމަކީ އިސްލާހީ މަސައްކަތުގެ ތެރެއިން ކުރި ފުރަތަމަ މަސައްކަތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ރައީސް ވިދާޅުވީ، މަސީހު ގަވައިދާ ހިލާފަށް ކުރެއްވި އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި މަސީހު ވަރަށް ފުރިހަމަ ޖަވާބެއް ދެއްވިއިރު އިދިކޮޅު ފަރާތްތަކުން ބަހުސްގައި ވެސް ބައިވެރިނުވާ ކަމަށެވެ.

"ދެން ކޮން ކަމެއްތޯ މިއުޅެނީ؟ ހަމަ ގައިމުވެސް މިއީ ގައުމީ ހިދުމަތެއް ނޫން، މިއީ ޒާތީ މައްސަލައާއި ހަސަދަވެރިކަން ނޫން އެހެން ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ. "އިދިކޮޅުގައި ނަންބަރެއް ހަމަވާނަމަ މިކަން ކުރެވިދާނެ ނުވަތަ ކުރަން މަސައްކަތް ކުރެވިދާނެ އެކަމަކު އެއީ ރަތާއިއި ފެހި ހުދުގެ އިސްލާހަކަށް ނުވާނެ،"