ދުނިޔެ

ކެމިކަލް ހަމަލާއިން ނުފުދިގެން ބޮން އެޅީ ހޮސްޕިޓަލަށް!

Apr 5, 2017

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދުލީބުގެ ޚާން ޝައިޚޫންގެ ރައްޔިތުންނަށް އިއްޔެ ހެނދުނު ހޭލެވުނީ މަތިންދާބޯޓްތަކުގެ އަޑާއި ބޮމުގެ އަޑުފައްގަނޑުންނެވެ. ދެން ފެނުނީ މީހުންނަށް ބިރުވެރި ގޮތްތަކެއް ވާން ފެށިތަނެވެ. ބޯ އެނބުރުމާއި ހޮޑުލުމާއި އަނގައިން ފޮނު އެރުން ފަދަ ކަންތައްތަކެވެ. މަތިންދާބޯޓަކުން ދިނީ ވިހަ ގޭހުގެ ހަމަލާއެއްކަން އެނގުނީ އެ ހިސާބުންނެވެ.

އެހަަމަލާގައި 58 މީހުން މަރުވި އިރު އޭގެ ތެރޭގައި 11 ކުޑަކުދިން ހިމެނެއެވެ. މިއީ ހަމަލާއަށް ފަހު މީހުންނަށް ފަރުވާދޭން އުޅުނު ޑޮކްޓަރުންނާއި ސޫރިޔާގެ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން އިއްޔެގެ ހަމަލާ ސިފަކޮށްފައިވާ ގޮތެވެ.

ގޭހުގެ ސަބަބުން ވިހަވި މީހުންނަށް ފަރުވާދޭ މަންޒަރާއި މަރުވެފައިވާ ކުޑަކުދިން ފެންނަ ފޮޓޯތައް އިދުލީބު މީޑިއާ ސެންޓަރުން ވަނީ ސޯޝަލް މީޑިއާގައި ފަތުރާލާފަ އެވެ.

އިއްޔެގެ ހަމަލާއަކީ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ޣޫތާގައި 2013 ވަނަ އަހަރު ދިން ގޭސް ހަމަލާގެ ފަހުން ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ. ކުރީ ފަހަރުގެ ހަމަލާގައި އެތައް ސަތޭކަ އާއްމުންނެެއް މަރުވި އެވެ.

އިއްޔެގެ ހަމަލާގެ މަންޒަރު ދުށް މީހުން ބުނެފައި ވަނީ އެ ހަމަލާ ދިނީ ސޫރިޔާ ސަރުކާރުގެ މަތިންދާ ބޯޓްތަކުން ކަމެއް ނުވަތަ ރަޝިޔާގެ މަތިންދާ ބޯޓްތަކަކުން ކަމެއް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ޚާން ޝައިޚޫންއަށް ހަމަލާ ދިނީ އެ ދެބައި މީހުންކަން އެމީހުން ދަނެއެވެ. ސޫރިޔާ ސަރުކާރުންނާއި ރަޝިޔާ ސަރުކާރުން ވެސް ވަނީ އެފަދަ ހަމަލާއެއް ނުދޭ ކަަމަށް ބުނެފައެވެ. ކުރިން ދިން ހަމަލާގެ ޒިންމާއިން ވެސް ސޫރިޔާ ސަރުކާރުން ވަނީ ރެކިގަނެފަ އެވެ. ނަމަވެސް އެ ހަމަލާ ދިނީ އެމީހުން ކަމުގެ ހެކިތައް އޭރު ވަނީ ފެނިފައެވެ.

ގޭސް ހަމަލާގައި މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރެއިން އެތައް ބަޔަކު ދިޔައީ ނޭވާ ނުލެވިގެން މަރަށް ތެޅެމުންނެވެ. އެ ހާލަތުގައި ތިބި މީހުންނަށް ފަރުވާދޭން ހުރި ހޮސްޕިޓަލަށް އެވަގުތު ރޮކެޓް ހަމަލާއެއް އަމާޒުވި އެވެ. ހޮސްޕިޓަލަށް ބޮން އެޅުމާއި ގޭސް ހަމަލާގައި ޒަހަމްވެފައި ތިބީ ގިނައިން ކުޑަކުދިން ކަމަށް ވާތީ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޚާން ޝައިޚޫންގައި އެހާލަތު އޮއްވައި އިދުލީބު ޕްރޮވިންސްގެ އެހެން ރަށެއްގައިވާ ހޮސްޕިޓަލަކަށް ރަޝިޔާގެ މަތިންދާބޯޓްތަކުން ވަނީ ބޮން އަޅާފައެވެ. މާރިތު އަލް ނޫމާން ނަމަކަށް ކިޔާ އެ ރަށުގައިވާ ހޮސްޕިޓަލަށް ދިން ހަމަލާގައި އެ އިމާރާތް ބިމާ ހަމަވެފައިވާ ކަމަށް ހަމަލާތަކުގައި ޒަހަމްވާ މީހުން ސަލާމަތް ކުރުމާއި މަރުވާ މީހުން ވަޅުލުން ފަދަ އިންސާނީ އެހީދޭ " ވައިޓް ހެލްމެޓްސް" ޖަމާއަތުން ބުންޏެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެފައި ވަނީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ސޫރިޔާގެ ސިއްހީ ހިދުމަތްދޭ 32 ތަނަކަށް ޖުމްލަ 71 ވައިގެ ހަމަލާ އަމާޒުވި ކަމަށެވެ. - އަލްޖަޒީރާ