ހަބަރު

އައިޖީއެމްއެޗް އިމާރާތާ ގުޅޭ ތުހުމަތުތަކަށް ރައީސްގެ ރައްދު

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެއަށްވުރެ ކުޑަ އަގުގައި އެ މަސައްކަތް ކުރެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަށްރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްދު ދެއްވައިފި އެވެ.

ޕީޕީއެމްއިން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައިޖީއެމްއެޗްގެ އާ އިމާރާތް 40 މިލިއަނަށް ރުފިޔާއިން ހެދޭނެ ކަމަށް ބުނެ ޖަގަހަތަކުގައި ވާހަކަ ދައްކާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ ކިހިނެއްވާނެ ކަމެއް ކަން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އެކަން އިދިކޮޅު ފަރާތްތަކުން ސާފުވެސް ނުކޮށްދޭ ކަމަށެވެ.

"ކިހިނެއްތޯ 40 މިލިއަނަށް އެކަން ވާނީ، 40 މިލިއަނަށް އެކަން ވާނަމަ 40 މިލިއަން ދީފަ އަދި ހަދިޔާއެއްގެ ގޮތުގައި އިތުރު 20 މިލިއަން ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އައިޖީއެމްގެ ހިދުމަތްތައް މަތި ކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެ ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާ ދެވެން ޖެހޭނެ ކަމަށެވެ. ފާޓިލިޓީ ސެންޓަރުތައް މިހާރު އެތާ ހުރިއިރު ކެންސަރަށް ފަރުވާދެވޭނެ ތަނަކަށް ވެސް އެ ހޮސްޕިޓަލް ހަދަން ޖެހޭ ކަމަށެވެ.

އައިޖީއެމްއެޗަށް ގެންނަން ނިންމާފައިވާ ތަރައްގީތައް ގެނެވުމުން މި ސަރަހައްދުގައި އެންމެ ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނެ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ވެގެން ދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަކީ އެއީ ކަމަށެވެ. ރާއްޖޭގައި އެފަދަ ކަމެއް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބުމާ އިދިކޮޅު ފަރާތްތަކުން ދެކޮޅުވުމަކީ އެ ބޭފުޅުންގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އައިޖީއެމްއެޗްގެ އާ އިމާރާތް ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮރަޕްޝަނާ ދިމާލަށް ކަމަށާއި ނަމަވެސް އައިޖީއެމްއެޗްގެ އާ އިމާރާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލުމަށްފަހު އެ އިމާރާތުގެ މަސައްކަތުގައި ކޮރަޕްޝަން ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތުގައި ކޮރަޕްޝަނަށް ޖާގަ ދޭ އެއްވެސް ކަމެއް ހިމެނޭ ކަމަށް އޭސީސީއިން ގަބޫލު ނުކުރާ ކަމަށެވެ.

"އެއަކު ނެތް ކަރަޕްޝަނުގެ މައްސަލައެއް، އެކަމަކު މިއަދު ކުރާ ކަމަކީ ކަރަޕްޝަނޭ ކިޔައިގެން ވާހަކަ ދައްކާއިރު 500 ރުފިޔާ ސަލާމަތް ކުރާކަށް އަޅުގަނޑު ދެ މަސް ދުވަހަކު ނުހުންނާނެ ތަނެއްގެ ވަށާ ފާރު ނުރާނައެއް، އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުން އަވަސް ކަމާއެކީގަ، އެ މަސައްކަތް ކުރާނީ އަވަސްކަމާއެކު، އެ މަސައްކަތް ކުރިއަށް ދާއިރު ކޮރަޕްޝަންގެ އަމަލެއް އުޅޭނަމަ އެކަން ބަލަން ތިބޭ ބަޔަކު ބަލާނެ،" ރައީސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ބިނާކުރަނީ، ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގައެވެ. މި މަޝްރޫއަކީ ގާތްގަނޑަކަށް 2.1 ބިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި އިމާރާތުގެ ހަ ބުރިއެއް ހާއްސަ ކުރަން ނިންމާފައި ވަނީ ނޭޝަނަލް ޑައިގްނޯސްޓިކް ހިދުމަތަށެވެ. އަދި ޑޮކްޓަރަށް ދެއްކުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ތަހުލީލުތަކެއް ވެސް އެ އިމާރާތަށް ބަދަލު ކުރާނެ އެވެ. އެ އިމާރާތް އެޅުމުން އެޕޮއިންޓްމަންޓް ހެދުމާއި އެހެންވެސް އައުޓް ޕޭޝަންޓް މަސައްކަތްތައް ވެސް އެތަނަށް ބަދަލުކޮށް އިދާރީ ބައެއް މަސައްކަތް ވެސް އެ ބަޔަށް ގެންނަން ވަނީ ނިންމާފަ އެވެ.