ވިޔަފާރި

ދިރާގުން އައިފޯން ރެޑް ރާއްޖެއަށް ތައާރަފް ކޮއްފި

އައިފޯން 7 އާއި އައިފޯން 7 ޕްލަސް ގެ ރެޑް އެޑިޝަން ދިރާގުން ރާއްޖެއަށް ތައާރަފްކޮށް މިއަދު ވިއްކަން ފަށައިފި އެވެ.

އައިފޯން "ރެޑް ސްޕެޝިއަލް އެޑިޝަން" ފޯން އަކީ އެޕަލް އާއި "ރެޑް" ގެ 10 އަހަރުވެފައިވާ ޕާޓްނާޝިޕް ގެ ދަށުން އެއިޑްސް އިން ރައްކާތެރިވެފައިވާ މުޖުތަމައެއް އުފެއްދުމުގެ މަސައްކަތް ކުރާ ބައިނަލްއަގުވާމީ ފަންޑަށް އެހީތެރިވެ ދިނުމުގެ ގޮތުން އުފެއްދި ފޯނެކެވެ.

މިދިޔަ މަހު 24 ގައި ދުނިޔޭގެ މާކެޓަށް ނެރެފައިވާ ރެޑް އެޑިޝަން ފޯނުތައް އެހެން އައިފޯނުތަކާއި ތަފާތުވަނީ ފަރުމާކުރުމުގައި ގެންގުޅެފައިވާ ގަދަ ރަތް ކުލައިގެ އަލުމިނިއަމްގެ ސަބަބުންނެވެ.

ދިރާގުން އައިފޯން 7 ގަންނަ ކޮންމެ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބެ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާއާއި ދިރާގު ނަމްބަރުތަކަށް ގުޅުމަށް ހިލޭ 300 މިނިޓު ލިބެ އެވެ.

އެއްފަހަރާ ފައިސާ ދައްކައިގެން އަދި 12 މަހަށް ބަހަލައިގެން ފައިސާ ދައްކާ ގޮތަށް އައިފޯނު ރެޑް ގަތުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.