ހަބަރު

ރައުދާގެ މަރަކީ ގަތުލަކަށް ވެދާނެ: ފުލުހުން

Apr 5, 2017
8

ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ޑޮކްޓަރުކަން ކިޔަވަމުން އައި ދިވެހި ދަރިވަރު ރައުދާ އާތިފް މަރަކީ ގަތުލަކަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ބަންގްލަދޭޝް ފުލުހުން އިއްޔެ ބުނެފި އެވެ.

ރާޖްޝާހީ މެޓްރޮޕޮލިޓޭން ފުލުހުންގެ ތަހުގީގު ޑިޕާޓްމަންޓްގެ އެސިސްޓެންޓް ކަމިޝަނާ އަމީން ހުސައިން އާ ހަވާލާދީ ޑާކާ ޓްރައިބިއުން ނޫހުން މިއަދު ބުނީ ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ އެއީ ގަތުލަކަށް ވެދާނެ ކަން ވިސްނުމުގައި ބަހައްޓައިގެން ކަމަށެވެ.

"އޭނާ އަމިއްލައަށް މަރުވީ ކަމަށް ނުވުމުގެ 50 ޕަސެންޓް އެބަ އޮތް،" އަމީން ހުސައިން ވިދާޅުވި ކަމަށް އެ ނޫހުން މިއަދު ބުންޏެވެ.

އަމީން ވިދާޅުވެފައި ވަނީ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި ރައުދާގެ ލެޕްޓޮޕާއި މޯބައިލް ފޯނު ވެރިރަށް ޑާކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ރައުދާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާގެ އާއިލާއިން ބުނާ ބުނުން އިއްޔެވެސް ވަނީ ތަކުރާރުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގަށް ރާއްޖެއިން ގޮސް ތިބި ފުލުހުންނާ ބައްދަލުކުރުމަށް ފަހު ރައުދާގެ ބައްޕަ މުޙައްމަދު އާތިފު ބަންގްލަދޭޝްގެ ނޫސްވެރިން ގާތު އިއްޔެ ބުނެފައި ވަނީ ރައުދާގެ މަރަކީ ގަތުލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރައުދާ އާތިފު އޭނާ ދިރި އުޅުނު ހޮސްޓެލްގެ ކޮޓަރި ތެރޭގައި އެލުވި، މަރުވެފައި ހުއްޓައި ފެނުނީ މާޗްމަހުގެ 29 ވަނަ ދުވަހު އެވެ. އޭނާގެ އޮޓޯޕްސީ ހެދީ ރާޖްޝާހީ އޭނާ ކިޔަވަމުން އައި ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޮކްޓަރުން ހިމެނޭ ޓީމަކުންނެވެ. އޮޓޮޕްސީ ރިޕޯޓްގައި ބުނެފައި ވަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ އަލުން ތަހުގީގު ކުރަން ފެށީ އޭނާ މަރުވީ އަމިއްލައަށް ކަަމަށް އާއިލާއިން ގަބޫލު ނުކުރުމާއި އެކަމާބެހޭ ގޮތުން ބަންގްލަދޭޝް އާއި ރާއްޖޭގެ ނޫސްތަކުން ސުވާލު އުފެއްދުން ފަދަ ކަންކަމާ ހެދިއެވެ.

އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަކީ ދީނީ ގޮތުން ހަރުކަށި ވިސްނުމެއް ގެންގުޅޭ ދަރިވަރުންގެ ދެ ޖަމިއްޔާއެއްގެ ނުފޫޒު ގަދަ ކޮލެޖެކެވެ.